އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅައިގެން ވެސް ފްލައިން ސްކޫލުގެ މައްސަލައަށް ހައްލެއް ގެންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އައްޑޫ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅެ، ދަތި ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށާއި އަދި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލުގެ މައްސަލަ ރަސްމީ ހައިސިއްޔަތަކުން ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އޭގެ ކުރިން ވެސް އެތަނާ ގުޅޭ ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމުން، އެކަންކަން ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާ ހަވާލު ކުރެއްވި ކަމަށާއި ނަމަވެސް އޭރު އެފަދަ މައްސަލައެއް ނެތްކަން އޭނާ ފާހަގަކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ހުންނަން ޖެހޭނެކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ނަހުލާ އިތުރަށް ވިދާޅުވީ، ފްލައިން ސްކޫލުން ފާހަގަވި ކަންކަން ރަނގަޅުކުރަން އެނގި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށެވެ. އަދި އެކަން ހައްލު ނުވެ މައްސަލަ ބޮޑުވެގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒުތަކެއް ވެސް ހުރެގެން ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި އެބޭފުޅުން (ފްލައިން ސްކޫލުގެ) ކޮންމެ އެކްޝަނެއް ބަލައި އެއްވެސް ކަމެއް އުނިކޮށްފިނަމަ، ހާއްސަކޮށް ދިވެހި ދަރިވަރުންގެ އާއިލާތަކަށް ދިމާވާ މައްސަލަތަކުގައި ކުދިންނަށް ތަފާތު ކުރުމެއް އަޔަސް އެހެންކަމެއް އަޔަސް، ގާނޫނާއި ގަވާއިދުތަކުން ބަލަންޖެހޭ ކަމެއް އަދި އަޅަންޖެހޭ ފިޔަވަޅެއް އަޅަމުންދާނަން،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ އެހެން ވިދާޅުވި އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އޭއޭއޭ އަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެ ފިޔަވަޅު އަޅަން ނިންމީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނި ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭޕްރިލް 2019 އަދި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު ފާހަގަކޮށްފައިވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ އެވެ.