އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސުކޫލްގެ ދަރިވަރުންގެ ކޯހުން ނުނިމި ހުރި ބައި ފުރިހަމަކުރުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުވެވަޑައިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އެ ދަރިވަރުން މިހާތަނަށް ފުރިހަމަކޮށްފައިވާ މިންވަރު އެނގެން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މައުލޫމާތުތައް ހޯދުމަށް ފްލައިން ސްކޫލަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފަރާތުންނާއި އެކުދިން އުފައްދާފައިވާ ސްޓޫޑަންޓް ޔޫނިއަނުން އެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެތަނުގައި (އައްޑޫ ފްލައިން ސްކޫލުގައި) މިހާރު 150 އަށްވުރެ ގިނަ ދިވެހި ކިޔަވާ ކުދިން އެބަ ތިބި. މިނިސްޓްރީން ދީފައިވާ ލޯނުތަކުގައި ކިޔަވާ 90 އަށްވުރެ ގިނަ ކުދިން އެބަ ތިބި. ނަމަވެސް މި މައްސަލައިގައި ހައްލު ހޯދައިދޭން މިއުޅެނީ ހުރިހާ ކުދިންނަށް. އެހެންވީމާ އަޅުގަނޑުމެން މިހާރު ރާއްޖޭން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލްތަކާ އެބަ މަޝްވަރާކުރަން ރާއްޖޭގައި ފްލައިން ސްކޫލުގައި ތިބި ދަރިވަރުންގެ ކޯހުގެ ބާކީ އޮތް ބައި އެތަނަކުން ނިންމުމުގެ ފުރުސަތު ފަހިކޮށްދެވިދާނެތޯ، ކިހާވަރެއްތޯ އެކަމަށްދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށް ޖުމުލަ ހިނގާނެ ހަރަދެއް ލިބުމުން ސަރުކާރުގެ ބަޖެޓުން އެކަން ކުރެވޭނަމަ އެކަން ވެސް އެނގިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރަން ރާއްޖޭން ބޭރަށް ފޮނުވުމަށް މަޝްވަރާ ކުރަމުން އަންނައިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ނިންމައި، އެތަނުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ހަދައި، ހުށަހެޅުމަށް ވެސް އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު