މާދަމާއިން ފެށިގެން ދުނިޔޭގެ އެތައް މިލިއަން ފޯނަކުން ވަޓްސްއެޕް ބޭނުން ނުކުރެވޭނެކަމަށް ޓެކް ހަބަރުތަކުން ރިޕޯޓުކޮށްފިއެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ސައިޓުތަކުން ވަނީ ވަޓްސްއެޕްގެ އާ އަޕްޑޭޓާއެކު މާދަމާއިން ފެށިގެން ބައެއް ފޯނުތަކަށް ސަޕޯޓު ނުކުރާނެ ކަމަށް ހާމަކޮށްފައެވެ.
ވަޓްސްއެޕް ބޭނުން ނުކުރެވޭނީ ކުރީގެ ފޯންތަކާއި ފަހުގެ ފޯންތަކުގެ ތެރެއިން އަޕްޑޭޓް ނުކޮށް ހުރި ފޯންތަކުންނެވެ.
އައިފޯން ބޭނުންކުރާ ފަރާތްތަކުން އައިއޯއެސް 9 ނުވަތަ އެއަށްވުރެ ފަހުގެ އައިއޯއެސް ބޭނުންކުރާނަމަ ވަޓްސްއެޕް ބޭނުންކުރެވޭނެ އެވެ. ނަމަވެސް އެއަށްވުރެ ކުރީގެ އައިއޯއެސް ބޭނުންކުރާނަމަ ވަޓްސްއެޕް ބޭނުންނުކުރެވޭނެއެވެ.
އައިފޯން 4 ނުވަތަ އެއަށްވުރެން ދަށުގެ އައިފޯނުތަކުން އައިއޯއެސް 9 ނުވަތަ އެއަށްވުރެ މަތީ ސޮފްޓްވެއާ ނޭޅޭނެއެވެ. މިކަމުގެ ސަބަބުން އައިފޯން 4 ނުވަތަ އެއަށްވުރެ ކުރީގެ ފޯނުތަކުން ވަޓްސްއެޕް ބޭނުންނުކުރެވޭނެއެވެ.
އެންޑްރޮއިޑް ފޯނުތަކުންވެސް އެންޑްރޮއިޑް 4.0.3 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަން ގެންގުޅޭނަމަ މައްސަލަ ދިމާނުވާނެއެވެ. ނަމަވެސް އެއަށްވުރެ ކުރީގެ ވާޝަންއެއް ނަމަ ވަޓްސްއެޕް ބޭނުން ނުކުރެވޭނެއެވެ.
އެންޑްރޮއިޑް 4.0.3 އަށްވުރެ ކުރީގެ ވާޝަން ސަޕޯޓްކުރާ ފޯނުތަކުންވެސް ވަޓްސްއެޕް ބޭނުން ނުކުރެވޭނެއެވެ. އެގޮތުން މޮޓޮރޮލާ ޑްރޮއިޑް ރޭޒާ އާއި ސެމްސަން ގެލެކްސީ އެސް 2 ފަދަ ބައެއް ފޯނުތަކުގައި ބޭނުން ނުކުރެވޭނެއެވެ.
2009 ވަނަ އަހަރު އުފައްދާފައިވާ ވަޓްސްއެޕް ބޭނުންކުރާ ދެ ބިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ.