ރިޕޯޓް

2020 ގައި "ވަން"

ވަން މީޑިއާ ގުރޫޕަށް ދެ އަހަރު ފުރި މިހާރު ގުނަމުން މި ދަނީ ތިން ވަނަ އަހަރުގެ ދުވަސް ތަކެވެ. އެންމެ ދެ ނޫސްވެރީންނާއެކު ފެށި މި ދަތުރަށް ދެ އަހަރު ފުރުނު އިރު ވަން އިން ވަނީ ބޮޑެތި ކާމިޔާބުތަކެއް ހާސިލު ކޮށްފައެވެ.

މަސައްކަތް ކުރާން ފަސޭހަ ނިއުސް ރޫމް މާހައުލެއް ގާއިމުކޮށް މި ފާއިތުވި ދެ އަހަރު ތެރޭގައި ވަން އިން ވަނީ ކިޔުންތެރިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއް ތަނަކުން އެންމެ އަވަހަށް ގެނެސްދެވޭތޯ މަސައްކަތް ކޮށްފައެވެ. ވީހާވެސް އަވަހަށް ތެދު ހަބަރު ގެނެސްދިނުމަކީ ވަންގެ އަމާޒު ކަމަށް ވީނަމަވެސް، ހަބަރުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެެރީންގެ ފުރިހަމަ އިތުބާރު ދަމަހައްޓަން މަސައްކަތް ކޮށްފައި ވާނެ އެވެ. ކޮލިޓީ ގުރުބާންކޮށްފައެއް ނުވާނެ އެވެ. މި މަސައްކަތުގައި ރަނގަޅު ކާމިޔާބެއް ހޯދައި ކިޔުންތެރީންގެ ފުރިހަމަ އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތް މެދުނުކެނޑި ކުރިޔަށް ދާނެ އެވެ.

2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށީ ހަމައެކަނި ދިވެހި ބަހުން ނެރޭ އޮންލައިން ނޫހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި އެ އެޑިޝަން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ވަންގެ ކުޑައިގެ ދަށަށް މިދިޔަ އަހަރުގެ އޮގަސްޓުމަހު އިތުރުވެގެން ދިޔައީ އަންހެނުންނަށް ހާއްސަކޮށްގެން ނެރެން ފެށި "ހިޔަލަ" މަޖައްލާ އެވެ. މި ތިން ޕްރޮޑަކްޓާ އެކު "ވަން މީޑިއާ ގުރޫޕް" ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރަޖިސްޓްރީކޮށްފަ އެވެ.

ކިޔުންތެރިންގެ މެދުގައި މަގުބޫލު މީޑިއާއަކަށް ވަން ހެދުމަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވިފައި ވެއެވެ. ވަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް އަވަހަކަށް ވީހާވެސް ގާތުން ހަބަރުތައް ފޯރުކޮށްދެވުނެވެ. މި މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް މިދިޔަ އަހަރު ތައާރަފު ކުރި ވަންގެ ވައިބާ ކޮމިއުނިޓީ އަދި ޓެލްގްރާމް ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ދެ ގްރޫޕް މެދުވެރިކޮށް ވެސް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ހަމަ އެހެންމެ ބިދޭސީންނަށް ފަސޭހައިން ހަބަރުތައް ފޯރުކޮށްދިނުމަށް ޓަކައި އެމީހުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕެއް މި އަހަރު ވަނީ ގާއިމްކޮށްފަ އެވެ.

ވަންގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިނީ ހީވާގި މުވައްޒަފުންނެވެ. މިވަގުތު ވަންގެ އެކި ޑިޕާޓްމަންޓުތަކުގައި ފުލްޓައިމްކޮށް 18 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެ އެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، މުވައްޒަފުންގެ އަމިއްލަ އެއްޗެއް ގޮތުގައި ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަމެވެ. އެއީ ވަން ގެ އެންމެ ބޮޑު ރައުސްމާލެވެ.

ކޮވިޑާ ގުޅިގެން ނޫސްވެރީން އެމީހުންގެ ޒިންމާ އަދާކުރުމަށް އިތުރު ހިތްވަރެއް ލައި، ހާލަތުގެ މައުލޫމާތު ފުރިހަމަ ގޮތުގައި ގެނެސްދީ، ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހުނު އިރު ވަންގެ ޓީމުން ވަނީ އެ މަސައްކަތުގައި ޒިންމާދާރު ދައުރެއް އަދާކޮށްފަ އެވެ. އެ ގޮތުން ވަން ގެ ބައެއް ނޫސްވެރީން ގޭގައި ތިބެގެން މަސައްކަތް ކުރި އިރު އަނެއްބައި ނޫސްވެރީން ކަރަންޓީނުވީ އޮފީހުގަ އެވެ. އަދި މިހާ ހިސާބަށް އައިސް ކޮވިޑުގެ ހާލަތު ކޮންޓްރޯލު ވުމާއި ހަމަޔަށް ވަން ގެ ނޫސްވެރީން ވަނީ އެއްވެސް އޮފް ދުވަހެއް، ޗުއްޓީއެއް ނުނަގައި ވަރުބަލިކަމެއް ނެތި ގައުމީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފަ އެވެ. ކޮވިޑުގެ އެންމެ ޕީކު ވަގުތު ބަރަކާތްތެރި ރޯދަ މަހާ އެކު ހޭދަވެގެން ދިޔައިރު، ވަންގެ ނޫސްވެރީން އެ މަސްވެސް ހޭދަކުރީ ވަރުބަލިކަމެއް ނެތި، އާންމު މަހެކޭ ތަފާތެއް ނެތި ކޮވިޑަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ބުރަ މަސައްކަތުގަ އެވެ.

ވަން އަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޓަކައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ހަފުލާއެއް ބާއްވައިފަ އެވެ. މި ހަފުލާގައި ވަނީ އަހަރީ ކޭކު ފަޅައި، ކުރީ އަހަރުގެ އެންމެ ފާހަގަ ކުރެވޭ މުވައްޒަފުން ހޮވައި އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފަ އެވެ.

މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ލިޔުންތެރިންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި ދީނީ ވާހަކައަކީ ކިޔުންތެރިންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު ފުންނާބު އުސް ލިޔުންތެރީން ކަމަށްވާ އިމާދު ލަތީފާއި އިޔާޒް ޖާދުﷲ ނަސީމް ވެސް ގެންދަވަނީ އިލްމީ ގޮތުން މުހިންމު ލިޔުންތަކެއް ވަން ގައި ޝާއިއުކުރައްވަމުންނެވެ.

މި އަހަރު ވަން އިން ކުރިޔަށް އެޅި އެހެން ފިޔަވަޅުތަކުގެ ތެރޭގައި ވަން ގެ އޮފީސް ބޮޑު އިމާރާތަކަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާ އެކު ނޫސްވެރީންނާއި އެހެން މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެވުނެވެ. ހަބަރާއި މައުލޫމާތުގެ އާ އުސްމިނަކަށް ވާސިލުވެ، މައުލޫމާތު ފެތުރުމުގެ އިތުރު ދާއިރާތަކުން ހިދުމަތް ދިނުމަށް ވަންގެ ޓީމުން މި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން 2021 ވަނަ އަހަރު ވަންގެ ވިޝުއަލް ޕްރޮގްރާމްތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ. ސްޓޫޑިއޯގެ މަސައްކަތްތައް ވަނީ ނިމުމުގެ މަގުމަތީގަ އެވެ. ވަންގެ އަމާޒަކީ ވަން ވިޝުއަލް އާއެކު ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުގެ އާ ފުރުސަތުތަކެއް ލިބިގެން ފަހިވެގެން ދިއުމެވެ.

މި އަހަރު ވަން އަށް ލިބުނު މުހިންމު ކާމިޔާބީ ތަކުގެ ތެރޭގައި، ނޫހުގެ މެނޭޖިން އެޑިޓަރު ނޫސްވެރީންގެ ޖަމިއްޔާ، (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން) ގެ ނައިބު ރައީސް ކަމަށް އިންތިހާބު ވުމާއި އަންހެނުންނަށް ރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ، "ރެހެންދި އެވޯޑް" ވަންގެ ޗެއާޕާސަން، މިންހާ ފާއިޒް ރަޝާދަށް ލިބުން ފާހަގަކޮށްލެވެ އެވެ.

ޝައްކެއްވެސް ނެތެވެ. ނޫހެއްގެ ކުރިއެރުމަށް ސްޕޮންސަރުންނާއި ޕާޓްނަރުންގެ އެއްބާރުލުން މުހިންމެވެ. ވަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ކިޔުންތެރިންގެ އިތުބާރު ލިބިފައިވާ ނޫހެއްގެ ގޮތުގައި ކުރިޔަށް ދިޔުމަށް ޓަކައި، އެންމެ ފުރަތަމަ ދުވަހުންފެށިގެން ވެސް ސްޕޮންސަރުންނާއި ޕާޓްނަރުން ބެހެއްޓި ގާތްކަން ފާހަގަ ކުރަމެވެ. އެދުވަހު ވަން އަށް ދެއްވި އިތުބާރަކީ މިއަދު ވަންއަށް ލިބިފައިވާ ކާމިޔާބީގެ އެއް ސަބަބެވެ.

މި އަހަރަކީ ކޮވިޑުގެ އަހަރެއް ކަމުން ރާއްޖޭގައި މީހުން އެއްވެގެން ބާއްވާ ހަރަކާތްތަކާއި ބޮޑެތި އިވެންޓުތައް ބޭއްވުން އޮތީ އެއްކޮށް މަނާވެފަ އެވެ. ގިނަ ހަރަކާތްތައް އަދި ބޮޑެތި ބައެއް އިވެންޓުތައް ކެންސަލް ކޮށްފައިވާ އިރު، ބޭއްވި މަދު އިވެންޓުތައް ވެސް ބާއްވައިފައި ވަނީ އޮންލައިން ޕްލެޓްފޯމަތައް މެދުވެރިކޮށެވެ. އެ ގޮތުން ރާއްޖޭގައި މި އަހަރު ބެއްވި ބޮޑެތި ގިނަ އިވެންޓުތަކެއްގެ މީޑިއާ ޕާޓްނަރަކަށް ވަން ވަނީ ހޮވައިފަ އެވެ.

ކިޔުންތެރިން ސްޕޮންސަރުން އަދި ޕާޓްނަރުން ވަންއަށް މި އަހަރު ދިން ލޯތްބާއި އިތުބާރާއެކީ 2021 ވަނަ އަހަރުގެ ދަތުރު ވަން އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އާ މަސައްކަތްތަކެއް ތައާރަފުކޮށް 2020 ވަނަ އަހަރަށް ވުރެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގަ އެވެ. ވަން އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ.