ތ. ވަންދޫގައި މަސް ބާނަން އުޅުނު ކުއްޖަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މިއަދު މެންދުރު ހިނގި މި ހާދިސާގައި މިޔަރު ދަތް އަޅާފައިވަނީ އެ ކުއްޖާގެ އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާ ދޭތެރޭގައެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ އަތުން ދެ އިންޗިއެއްހާ ދިގުމިނަށް ކަނޑައިގެން ގޮސްފައިވެއެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް "ވަން"އަށް ވިދާޅުވީ، އެ ކުއްޖާއަށް ވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މިހާރު އެނބުރި ރަށަށް ގެނެސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރަށުގެ އަތިރިމަތީގައި އެކުއްޖާ މަސް ބާނަން އުޅުމުގެ ތެރޭގައި ރޯލުގައި ގަތް މިޔަރެއް މަރާނުލައި ބުޅި ނައްޓަން އުޅުމުގެ ތެރޭގައެވެ. ޒަހަމްވެފައިވަނީ ދިހަ އަހަރުގެ ފިރިހެން ކުއްޖެކެވެ.
ވަންދޫގައި މަސް ބާނަން އުޅުނު ކުއްޖަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފައިވާ އިރު، މިދިޔަ ހަފްތާގައި ކަނޑަށް ވެއްޓުނު މަސްވެރިޔަކުވެސް ވަނީ މިޔަރު ހަމަލާއެއްގެ ސަބަބުން ޒަހަމްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު