ބ. ދިގުފަރުން ގަވާއިދާ ހިލާފަށް ވެލި ނެގި މައްސަލާގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ކުންފުނި، ވިލާ ޝިޕިން އެންޑް ޓެރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 83 ހާހަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިޒޯޓު އެންޑް ސްޕާގެ ފަރާތުން ދިގުފަރުން ގަވާއިދާއި ހިލާފަށް ގިނައަދަދެއްގެ ވެލިނެގުމާއި އަދި މަސައްކަތް ހުއްޓުމަށް އެންގުމުންވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 83,750 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ވިލާ ޝިޕިން ޖޫރިމަނާކޮށްފައިވަނީ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގައި ބަޔާންކޮށްފައިވާ ގަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުމާއި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް ކަމަށެވެ.

އަދި މިޖޫރިމަނާ ފައިސާ އީޕީއޭ އަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެކުންފުންޏަށް ވަނީ އަންގާފައި ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.

ދިގުފަރަކީ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓު ތަރައްގީ ކުރުމަށް 50 އަހަރަށް ދޫކޮށްފައިވާ ރަށެެކެވެ.