މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މަގާމުން އިސްތިއުފާ ދީފިއެވެ.

ނިޒާމްބެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ ރޭގެ މެޗުގައި ފެނުނު ގަބޫލުކުރަން އުނދަގޫ ކުޅުމަށް ފަހު މާޒިޔާގެ ކޯޗުކަމުން ވަކިވާން ނިންމީ ކަމަށެވެ. ފާއިތުވި މަސްތަކުގައި ކުރެވުނު މަސައްކަތާއި މާޒިޔާ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ބެހެއްޓި ގާތްކަމަށް ނިޒާމްބެ ވަނީ ޝުކުރު އަދާކޮށްފައެވެ.

ރޭ ވެލެންސިއާއާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި އޮތް ނަމަވެސް އެޓީމު އޮތީ ލީގުގެ އެއްވަނައިގައެވެ. ސީޒަން ފެށުމުގެ ގޮތުން މާޒިޔާއިން ކުޅުނު ޗެރިޓީޝީލްޑް މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވެ އުނދަގޫކޮށް ނިޒާމްބެއަށް ސީޒަން ފަށަން ޖެހުނު އިރު، މާޒިޔާގެ ކޯޗުކަމަކީ ޕްރެޝަރު ބޮޑުވާނެ މަގާމެއް ކަމަށް ކުރިންވެސް އޭނާ ވަނީ ބުނެފައެވެ. ސަބަބަކީ މާޒިޔާއަކީ ރާއްޖޭގެ ލީގުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު ކަމަށްވެފައި، އަގުބޮޑެތި އެތައް ކުޅުންތެރިންނެއް ޓީމުގެ ސްކޮޑުގައި ހިމެނޭތީއެވެ.

މާޒިޔާއިން ބުނެފައިވަނީ ނިޒާމްބެ މަގާމުން އިސްތިއުފާދޭން ހުށަހެޅުމާއެކު ކްލަބުގެ ބޯޑުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކްލަބަށް ނިޒާމްބެ ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކުރާކަމާއި، ދާއިމީ ކޯޗެއް ހަމަޖައްސަންދެން ވަގުތީ ކޯޗެއްގެ ޒިންމާއާ ހަވާލުވީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ)އާ ކަމަށްވެސް މާޒިޔާއިން ބުނެފައިވެއެވެ.

ކުރިން ވިޔަންސާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ނިޒާމްބެ އެންމެ ފަހުން ހަވާލުވި ދެ ޓީމުގެ ކޯޗަކަށް ހުރީވެސް ކުރު މުއްދަތެއްގައެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ހަވާލުވެ، އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ޖެނުއަރީ މަހުގެ ތެރޭގައި، ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލިއެވެ. އަދި މި ފަހަރު މާޒިޔާއާ އެކު ވެސް ކޮންޓްރެކްޓް އެއްކޮށް ފުރިހަމަނުކުރެވުނެވެ.