މަސްތުވާތަކެއްޗާއެކު ފ. ފީއަލި ސްކޫލުގެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ. ފީއަލިން ފުރަން ބޯޓަކަށް އަރައި ހުރި މީހަކު ހުއްޓުވައި އޭނާ ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އިއްޔެ ހެނދުނު އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު "ވަން" އަށް ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ އެރަށު ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދޭ އެރަށަށް އުފަން މީހެއް ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމެއް އަދި ސާފެއް ނުވެ އެވެ.