ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލައިފް ސަޕޯޓް"ގެ ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިމަޖެންސީ ގޭޓު ކުރިމައްޗަށްވާ ގޮތަށް ރޭ ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރުއެވެ.
ލައިފް ސަޕޯޓުން ރޭ ހުޅުވި މި ފިހާރައިން މަޝްހޫރު އެބޮޓް ކުންފުނީގެ ބޭސްތަކާއި އިނގިރޭސި ވިލާތާއި ދުބާއިން ގެނެސްގެން ވިއްކާ އުފެއްދުންތައް ލިބޭނެއެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ލައިފް ސަޕޯޓްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫން ވިދާޅުވި ގޮތުގައި އައްޑޫގައި ހުޅުވި ފިހާރައިން މާލޭގެ ފިހާރަ ތަކުގައި ވިއްކާ އަގުގައި ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓެއް ލިބޭނެ އެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު އުފެއްދުންތައް އައްޑޫއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެކުންފުނިން ގެނެސް ރާއްޖޭގައި ވިއްކާ ހުރިހާ އުފެއްދުންތަކަކީވެސް އިތުބާރު ހިފޭ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވިއްކާ އުފެއްދުންތުންތައް ކަމަށެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ހާއްސަ ބެލާ ޕްރޮޑަކްޓްސް އާއި އެންޝުއާ، ވައިޓަވައިޓިކްސް، ޕިޖަން ބްރޭންޑުގެ ސާމާނުގެ އިތުރުން ސްޓާބާމް ޕްރޮޑަކްޓުތައް ވެސް އައްޑޫގައި މި ހުޅުވި ފިހާރައިން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ލައިފް ސަޕޯޓުގެ ތިން ފިހާރައެއް މާލޭގައި ހިންގަމުން އަންނަ އިރު މިދިޔަ އަހަރު މެއި މަހު އެކުންފުނިން ވަނީ "ސަފެއާ"ގެ ނަމުގައި މޭކަޕް ކުރާ ޕްރޮޑަކްޓްތަކާއި ސެންޓުގެ އިތުރުން ޕާސަނަލް ކެއާއަށް ބޭނުންވާ އުފެއްދުންތައް ވިއްކާ ފިހާރައެއް ވެސް ހުޅުވައިފައެވެ.
ލައިފްސަޕޯޓް
ލައިފްސަޕޯޓް