ކުޅިވަރު

މަރަޑޯނާގެ އޮޓޮޕްސީ ރިޕޯޓް ދައްކާ ގޮތުން ރަލާއި ޑްރަގުގެ އަސަރެއް ހަށިގަނޑުގައި ނެތް

މިދިޔަ ނޮވެންބަރު މަހު ތެރޭގައި މަރުވި ފުޓްބޯޅަ ލެޖެންޑު، ޑިއޭގޯ މަރަޑޯ މަރުވި އިރު، ހަށިހަނޑުގައި ރަލާއި ޑްރަގުގެ އެއްވެސް އަސަރެއް ނެތް ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓްތަކުން ދައްކައިފި އެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މަރަޑޯނާގެ ކެރިއަރުގައި ކާމިޔާބު އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އޭނާގެ ކެރިއަރުގައި ކަޅު، ބަނަ ދުވަސްތަކެއް ވެސް ފެނިފައިވެ އެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދީ، މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރަޑޯނާ ސްޕެއިންގެ ބާސާއަށް ކުޅުނު ދުވަސްވަރު ވެސް އޭނާއަށް ޑްރަގުގެ މައްސަލަތައް ކުރިމަތިވި އެވެ.

އެގޮތުން ކޮކެއިން ފަދަ ނުރައްކާތެރި ޑްރަގުތަކަށް މަރަޑޯނާ ދެވި ހިފައިގެން ފަރުވާ ވެސް ހޯދި އެވެ. އެކަމުގެ ސަބަބުން ބަލިތައް ބޮޑުވެ މަރަޑޯނާ ވަނީ އަމިއްލައަށް އެކަންކަމުން ދުރުވިކަން އިއުލާން ކޮށްފަ އެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވި އިރު، އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ސިއްހީ އިދާރާތަކުން ބުނެފައިވެ އެވެ. ބޮލުގެ އޮޕަރޭޝަނަކަށް ފަހު ހާލު ރަނގަޅުވަމުން ދަނިކޮށް، މަރަޑޯނާ މަރުވުމާއެކު އޭނާގެ މަރާގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަން ވެސް ފެށި އެވެ. އެއީ މަރުގައި މެޑިކަލް އިހުމާލެއް ވޭތޯ ބެލުމަށެވެ.

މަރަޑޯނާގެ އޮޓޮޕްސީ ރިޕޯޓް ދައްކާގޮތުން، އޭނާގެ ހިތުގެ މައި ނާރެއްގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ. އަދި އެ މައްސަލައިގެ ސަބަބުން ހިތް ފެއިލް ވެގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. މަރަޑޯނާގެ މަރާއެކު މުޅި ފުޓުބޯޅަ ދުނިޔެ ހިތާމަކޮށްފައިވާއިރު، އޭނާގެ އެންމެ ކާމިޔާބު ކްލަބު ނަޕޯލީގެ ސްޓޭޑިއަމްގެ ނަން ވެސް ވަނީ މަރަޑޯނާގެ ނަމަށް ބަދަލު ކޮށްފަ އެވެ.