ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީލަންކާއިން ޔޫކޭގެ ފްލައިޓުތައް އައުން ހުއްޓުވައިފިއެވެ.

ކޮވިޑް ވައިރަހުގެ އާ ވައްތަރެއް ޔޫކޭ އިން ފެނިފައިވާ ކަމަށް އެގައުމުން ހާމަކުރުމާއެކު 40 ގައުމަކުން ވަނީ ޔޫކޭގެ ފްލައިޓުތައް އެގައުމުތަކަށް އެތެރެވުން ހުއްޓުވައިފައެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މިރެއިން ފެށިގެން އެގައުމަށް ޔޫކޭގެ ފްލައިޓު އައުން ހުއްޓުވައިފައެވެ.

ލަންކާއިން އެގައުމަށް ފަތުރުވެރިން އައުން ހުއްޓުވައި ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުން ފެށިގެންނެވެ. ނަމަވެސް އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކުން އެގައުމަށް އެތެރެވެވޭނެ އިންތިޒާމުތައް ހާއްސަ ފްލައިޓުތައް މެދުވެރިކޮށް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް ޔޫކޭއިން އަންނަ ފްލައިޓުތައް މަނާކޮށްފައިވާ ގައުމުތަކަށް ބަލާއިރު ޔޫރަޕުގެ ގިނަ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުންވެސް ޔޫކޭއިން އަންނަ ފްލައިޓުތައް ޖެއްސުން ވަނީ މަނާކޮށްފައެވެ.

އަވައްޓެރި އިންޑިއާއިން ވެސް ވަނީ ޔޫކޭއިން އަންނަ ފްލައިޓުތައް ޖެއްސުން ވަގުތީގޮތުން މަނާކޮށްފައެވެ. އެގޮތުން ޔޫކޭއިން އަންނަ ހުރިހާ ފްލައިޓެއް މިއަހަރުގެ ނިޔަލަށް ސަސްޕެންޑު ކުރުމަށް އިންޑިއާއިން ވަނީ ނިންމައިފައެވެ.