ޚަބަރު

ލަންދޫ އާއި ބޮޑުފޮޅުދޫ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ރިފާ ހަލީލު

ނ. ލަންދޫ އާއި އއ. ބޮޑުފޮޅުދޫ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އަދި ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އެވެ.

ޖުމްލަ 210 ދުވަސް ތެރޭގައި ލަންދޫގެ މިސްކިތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 4.1 މިލިއަން ރުފިޔާއަށެވެ. އަދި ބޮޑުފޮޅުދޫ މިސްކިތުގެ މަސައްކަތްތައް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 3.7 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 180 ދުވަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން ހަވާލުކޮށްފައިވާ ކުންފުނިން ލަންދޫ މިސްކިތު މަޝްރޫއުގެ 15 ޕަސެންޓް ނިންމާފައިވާ އިރު، ބޮޑުފޮޅުދޫ މިސްކިތުގެ 20 ޕަސެންޓް އެކުންފުނިން ވަނީ ނިންމައިފަ އެވެ. ނަމަވެސް މީގެ ކުރިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާ ކަމެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.