ކުޅިވަރު

ގްރޫޕްގެ އެއްވަނަ ހޯދާ ބެންޗު ކުއާޓާއަށް، އެފްސީ މަގުމައްޗަށް އުންމީދެއް

ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ލ. މާމެންދޫ ބެންޗުން ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ، އެޓީމު ކުއާޓާ ފައިނަަލަށް ދަތުރު ކޮށްފައިވާއިރު، އެފްސީ މަގުމަތިން އުންމީދު އާކޮށްފި އެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރަތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ އެފްސީ މަގުމަތިން ނުކުތީ ލ. މާވަށު އައިޑިއާ އެކަޑެމީއާ ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާއެކު 9-0 ގެ ނަތީޖާއަކުން މަގުމަތިން ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި މޮޅަށް ކުޅެ، ފަސް ގޯލް ޖެހި ލޫތު އަހުމަދު ފަތުހީ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު، މަގުމަތި އޮތީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ، މޮޅެއް ހޯދަން މުހިންމުވެފަ އެވެ. އައިޑިއާއިން ފުރަތަމަ ކުޅުނު މެޗުގައި ޑެޓްރޮއިޓްސް ޖޫނިއާ ބަލިކޮށްފައި އޮތްއިރު، ގުރޫޕް އޭ ވަނީ ފޯރިގަދަވެފަ އެވެ. ގުރޫޕްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މެޗެއް ކާމިޔާބު ކޮށްފައިވާއިރު، އެ ގުރޫޕުގައި ޖުމްލަ ހަތަރު ޓީމު ހިމެނެ އެވެ.

އިއްޔެ ކުޅުނު ގުރޫޕް ބީގެ މެޗުން ބެންޗުން ސޮކާ އެކަޑެމީ އޮފް ކުނަހަންދޫ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. މި މުބާރާތަށް ކުނަހަންދޫ ނުކުތީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ލެޖެންޑަރީ ކޯޗު ލިރުގާމް ސައީދު (ލަރޭ)ގެ ކޯޗުކަމުގެ ދަށުންނެވެ. މިއަދުގެ މެޗުގައި ކުނަހަންދޫ ސޮކާ އެކަޑެމީގެ ބެންޗުން ލަރޭ އިރުޝާދު ދިންތަން ފެނިގެން ގޮސްފައިވެ އެވެ.

މެޗުގައި ބެންޗު މާ ބޮޑަށް ވެސް ވަރުގަދަކޮށް ފެނިގެން ދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހުސައިން އައިޝް އެވެ. އައިޝްއަކީ ބެންޗުގެ ކެޕްޓަނެވެ. ބެންޗުން މިހާތަނަށް މުބާރާތުގައި ކުޅެފައިވާ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދާފައިވާއިރު، އެޓީމަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފަ އެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިންގަމުންދާނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗު މާދަމާ ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ހިތަދޫ އެސްސީން ޔަންގް ސްޓާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި މާވަށު އެސްސީން ނުކުންނާނީ ސީ2އޭ އެކަޑެމީއާ ދެކޮޅަށެވެ.