ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން "ނޫ ރާއްޖެ" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިރޭ އިފްތިތާހުކޮށްފިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ 98 ޕަސެންޓަކީ ކަނޑުގެ ސަރަހައްދު ކަމަށާއި ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުމަކީ ދިވެހިންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ. އަދި ދިވެހިންގެ އާދަތަކާއި ދިރިއުޅުމާއި ތާރީހާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިރުންތަކެއް ކަމަށެވެ.
"ނަމަވެސް ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ނުކުޅެދިއްޖެނަމަ، އަޅުގަނޑުމެންގެ ސިއްހަތާއި ދިރިއުޅުމާއި އިގުތިސޯދުވެސް ހިމާޔަތްކޮށްދިނުމަށް ނުކުޅެދޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއް އެކުލަވައިލައި މަސައްކަތް ކުރައްވަން ނިންމެވީ ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށެވެ. އަދި މި ޕްރޮގްރާމާއެކު ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވިގެންދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
އެ ހަފުލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވެސް ވާހަކަދެއްކެވިއެވެ.
ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގުތިސޯދު ކުރިއަރުވައި ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ވިއުގައެކެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް ނޫ އިގުތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ، މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގުސަދެކެވެ.
ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި، މި ޕްރޮގްރާމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު