ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ސަރުކާރުން ބީލަމަށް ހުޅުވާލި ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މާއްޑޫ ހިމެނޭ ގޮތަށް ހަ ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައި، ބީލަމަށް ހުޅުވާލައިފައެވެ.
ނަމަވެސް އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި މާއްޑޫ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން އެރަށް ބިޑް ކުރުމަށް ބީލަން ފޮތް ގަތް ފަރާތްތަކުން ބިޑިން ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން ނިންމި ސަބަބެއް ނުބުނެއެވެ.
ނަމަވެސް އެރަށް ދަނޑުވެރިކަމަށް ދޫކުރަން ނިންމުމުން އެ އަތޮޅުގެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެއީ އެ އަތޮޅު ރައްޔިތުން މަޖާކޮށްލައި ހިތްހަމަޖައްސައިލުމަށް ދަތުރު ދާން އޮތް އެ ރަށް ދަނޑުވެރިކަމަށް ދޫކުރާތީއެވެ.
ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ބ. އަތޮޅުން މިހާރު ވެސް ދަނޑުވެރިކަމަށް ފަސް ރަށް އަދި އެކުއަކަލްޗާ އަށް އެއް ރަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ އަތޮޅުން އެއްވެސް ފަރާތަކަށް ނުދީ ބާކީ އޮތް ދެ ރަށް ކަމަށްވާ މާއްޑޫ އަދި ދަކަންދޫ ދަނޑުވެރިކަމުގެ ނަމުގައި ދޫކޮށްލުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ވިދާޅުވިއެވެ.
"އެންމެ ރަނގަޅު ގޮތަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި އެކަން ކުރުވުން. ނުކުރާނަމަ އެރަށްތައް އަނބުރާ ނެގުން. ދަނޑުވެރިކަން ކުރުމުގެ ނަމުގައި މި ރަށްތަކުގައި މަހުޖަނުންގެ ހޮލިޑޭ ހޯމް ހެދުމަކީ އިންސާފެއް ނޫން،" މަބްރޫކު ވިދާޅުވިއެވެ.