އިސްލާމިކް މިނިސްޓްރީން، މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6961.50 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ހުސްވި 2019 ވަނަ އަހަރުން ފެށިގެން މިމަހުގެ އަށްވަނަ ދުވަހާ ހަމައަށް މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިއޮތީ 4950.40 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. އެގޮތުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާ ކަމަށާއި ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައަޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރިހީގެ ނިސާބުގެ ގޮތުގައި އިލްމުވެރިން ކަނޑައަޅުއްވާފައިވާ އަދަދަކީ 595 ގުރާމް ކަމަށްވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11 ރުފިޔާ ހަތް ލާރި ކަމަށެވެ.

ޒަކާތް ދިނުމަކީ ދީނުގެ ފަރުލު ތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އެއީ ދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ.

ބަހުގެ ގޮތުން ޒަކާތަކީ ތާހިރުކަމާއި އިތުރުވެ ގިނަވުމެވެ. ޝަރުއީ ގޮތުން ބަލާނަމަ އެއީ ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުއީ ގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ހާއްސަ ބަޔަކަށް ނުވަތަ ފަރާތަކާ ހަވާލުކޮށްގެން ﷲ ތައާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.