އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވުމާއި ބައެއް ދަރިވަރުން ސްކޫލުން ވަކިކުރާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އާދަމް ޝަރީފް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ ކޯސް ފުރިހަމަ ކުރުމަށް ތަފާތު މައްސަލަތައް ކުރިމަތިވަމުންދާކަން އެކި ގޮތްގޮތުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭ ކޯސްތައް، އެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވޭ މިންވަރަށް ކިޔަވައިނުދިނުމާއި ތަމްރީންތައް ފޯރުކޮށްނުދެވުމާއި މަގުބޫލު ސަބަބަކާއި ނުލައި ދަރިވަރުން އެ ސްކޫލުން ވަކިކުރާކަން ހާމަވަމުންދާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ފްލައިން ސްކޫލުގައި ހިންގާ ކޯސްތަކަކީ އަގުބޮޑު ކޯސްތަކަކަށްވާއިރު، ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން، ބައެއް ދަރިވަރުން ހަތަރު އަހަރު ހޭދަކުރަން ޖެހި، އެތައް ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންނަށް އިތުރު ގޮންޖެހުންތަކަކާއި މާލީ ދަތިތައް ކުރިމަތިވެ، އެ ދަރިވަރުންގެ ބެލެނިވެރިން އުފުލަން ޖެހޭ ދަތިތައް ގިނަ ކަމަށާއި ފްލައިން ސްކޫލުން ކަންކަން ކުރަމުންދާ ގޮތުންނާއި އެ ސްކޫލުގެ ހާލަތަށް ބަލާއިރު، ދަރިވަރުންނަށް އެ ސްކޫލުގައި ކޯސް ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު ގެއްލެމުންދާކަންވެސް ސިޓީގައި ފާހަގަކުރިއެވެ.
"ވީމާ، އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން މަސައްކަތްކޮށްދެއްވުން އެދެމެވެ." އާދަމް ޝަރީފްގެ ސިޓީގައި ވެއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނާއި މެދު ބޭއިންސާފުން އަމަލުތައް ކުރަމުންދާ މައްސަލަ ފެންމަތިވެފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން އެ ސްކޫލުގައި ތައުލީމް ހާސިމްކުރަމުން އަންނަ ދިވެހި ދަރިވަރުންނާއި ބޭރު ދަރިވަރުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލައާއި ސްކައިޕެންޑްގެ ގޮތުގައި ދޭ އަދަދު ކުޑަވުމާއި ކޯސް ދިގުލައިގެންދާތީ އަމިއްލަ ޖީބުން ކުރަން ޖެހޭ ހަރަދުތައް ގިނަވުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އަދި އެ ސްކޫލުން ބޭރު ފައިސާއިން ކޯސްފީ ނަގާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިތުރުން ފުލުުހުންނަށްވެސް ހުށަހަޅައިފައެވެ.
ރާއްޖޭގައި އަމަލުކުރާ މަނިޓަރީ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ތަންތަނުން ކުއްޔާއި ފީ ބަލައިގަންނަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.
އައްޑޫ ފްލައިން ސްކޫލުގެ ކަންބޮޑުވުންތައް އެ ދަރިވަރުންގެ ފަރާތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހިއްސާކޮށްފައިވެއެވެ. އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަކިކުރާ މައްސަލަވެސް މި ފަހުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް 15 ދަރިވަރަކު ވަކިކުރުމަށް ވަނީ އީމެއިލް ފޮނުވައިފައެވެ. އޭގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައިވަނިކޮށް، ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން މިނިސްޓަރު ނަހުލާ އެ ސްކޫލަށް ވަނީ އަންގަވައިފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ މީގެ ކުރިން ވިދާޅުވީ އައްޑޫގައި ގާއިމުކޮށްފައިވާ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ވަގުތެއްގައި ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިނަމަ އެ މައްސަލަ ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓީވީ ޕްރޮގްރާމެއްގައި މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު