1979 ވަނަ އަހަރު އުފެދިގެން އައި ކްލަބު ވެލެންސިއާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކްލަބެވެ. ފުޓުބޯޅައިގައި އެންމެ ނަން ހިނގާ އެއް ކްލަބަކީވެސް ވެލެންސިއާއެވެ. ގައުމީ މުބާރާތް ފަސް ފަހަރު، ދިވެހި ލީގާއި އެފްއޭ ކަޕްވެސް ފަސް ފަހަރު ކާމިޔާބުކޮށް، ދިވެހި ފުޓުބޯޅައިގައި އޭރު ރަސްކަން ކުރި ވެލެންސިއާއަކީ ސަރަހައްދީ ލެވެލްގައިވެސް ފާހަގަވެގެން ދިޔަ ކްލަބެކެވެ.

ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއްވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. ދެވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ. ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައެވެ.

ފުރަތަމަ ޑިވިޝަނަށް ޓީމު އަލުން އައުމާއެކު، ދިވެހި ފުޓުބޯޅަ ސަޕޯޓަރުންގެ ތެރެއިން ލޯބި ހުރި ފޭން ބޭސްއެއް ހޭލައްވާލިއެވެ. ރާއްޖޭގެ އެންމެ ތާރީހީ ސަޕޯޓަރުންތަކެއް ތިބި އެއް ކްލަބު ކަމަށްވާ ވެލެންސިއާއާ މެދު ކުރެވޭ އުންމީދުވެސް ބޮޑުވިއެވެ. ދިވެހި ފުޓުބޯޅައިގެ ފޯރިއަށް ވެލެންސިއާ ވަރުގަދަ ވާން ޖެހޭ ކަމަށް އަބަދުވެސް ކްލަބު ސަޕޯޓަރުން ބުނަމުން އަންނައިރު، އެ ވަރުގަދަކަން ކްލަބަށް ގެންނަން ކޮންމެ ސަޕޯޓަރަކުވެސް އެދިއެދި ތިބިއެވެ. ޓްރާންސްފާތަކުން އެ ހުވަފެނީ މަންޒަރުގެ ކުލަ ޖެހުމަށް، ފަހި ފިޔަވަޅުތަކެއްވެސް އެޅިއްޖެއެވެ.

ކޯވިޑް 19 އާއި ގުޅިގެން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަން ކޮންމެ ކްލަބަކަށްވެސް ކުރާނެއެވެ. އެ ދަތިކަން ވެލެންސިއާއަށްވެސް ދިމާވެފައިވާއިރު، އޭގެ އިތުރުން ކުޅުންތެރިން ހޯދުމުގައި ދިމާވި ދައްޗަކީ ކޮންޓްރެކްޓްތަކުގައި ކުޅުންތެރިން ތިބުމެވެ. އެހެންނަމަވެސް، ވެލެންސިއާގެ ޓްރާންސްފާ ބާޒާރު ކާމިޔާބެވެ.

"ދެވަނަ ޑިވިޝަނުން ޓީމު ޕްރޮމޯޓްވީމަ ބެލީ ކުޅުންތެރިން ހޯދަން. ވަރަށް އުނދަގޫވި ކުޅުންތެރިން ޓީމުތަކުގެ ކޮންޓްރެކްޓްގައި ތިބީމަ. ވަރަށް ހާލުން ދަގޭ އާއި އަކުރަމް އާއި ފައިސަލް ކަހަލަ ރަނގަޅު ކުޅުންތެރިންތަކެއް ލިބިފައި ތިބީ. ކޮވިޑް 19 އާއި ގުޅިގެން ސްޕޮންސާ ލިބުން ދަތިވިޔަސް، އެފްއޭއެމްގެ އެހީތެރިކަމާއެކު ރަނގަޅު ޓީމެއް ތައްޔާރު ކުރެވިއްޖެ،" މެނޭޖަރު ހަސަން ހަމްދޫން ބުނެފައި ވެއެވެ.

ވެލެންސިއާއިން ދިވެހި ފުޓުބޯޅައަށް ތައާރަފު ވެގެން އައި މި ސަރަހައްދުގެވެސް ފުޓުބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް މިހާރު ތިބީ ވެލެންސިއާގައެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އާއި އަލީ ފާސިރު (ސެންޓޭ)ވެސް އަންނަ ސީޒަންގައި ވެލެންސިއާއިން ފެންނައިރު، ކޯޗު މުހައްމަދު އާތިފް (އާތީ)، މިހާރު އޮތް ސްކޮޑާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށް އޭނާ ބުނެފައިވެއެވެ.

"އެހާ ހިތްހަމަ ޖެހޭނެ ޓީމެއް ނޫން އޭރު ފެށިއިރު އޮތީ. އުންމީދަކަށްވީ ވެލެންސިއާ އަލުން ބިނާކުރުން. ފަރިތަކުރުންތައް ފަށައިގެން ޓްރާންސްފާތަކަށް މަސައްކަތް ކުރީ. އެހެން ކްލަބުތަކުގެ ފެންވަރާ، އެކުގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ބަލާ، އޭރު އެނގޭ އަހަރެމެންގެ އަތުގައި ތިބީ އެންމެ ވަރުގަދަ ކުޅުންތެރިން ނޫންކަން. އެހެންވީމަ އިތުރަށް މަސައްކަތް ކުރީ އިތުރު ކުޅުންތެރިންތަކެއް ހޯދަން. ދެން މިހާރު މުބާރާތުގެ ފުރަތަމަ މެޗު އަންނަން ދުވަސްކޮޅަކަށް ވެފައި އޮތްއިރު، މިވަގުތު އެބެއް ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ޗެލެންޖް ކޮށްލެވޭނެ ވަރުގެ ސްކޮޑެއް. އެހެންނަމަވެސް ސްކޮޑެއް އޮތުމަކީ ނިމުމެއް ނޫން. ކޮންބިނޭޝަނާއި ފިޓްނަސް ބޭނުން. އެކަމަށް ޓީމު ތައްޔާރުކުރަމުން މިދަނީ،" އާތީ ބުނެފައިވެއެވެ.

ކުރިއަށް އޮތް ސީޒަނަށް ދަގަނޑޭ ވެލެންސިއާއާ ގުޅުނުކަން ކްލަބުން އިއުލާން ކުރުން ވެގެންދިޔައީ މި އަހަރުގެ ސީޒަނަށް އޮތް އެންމެ ބޮޑު ހަބަރަށެވެ. ދަގަނޑޭގެ "ހޯމް ކްލަބު" ވެލެންސިއާއަށް އޭނާ އެނބުރި ދިޔުމަކީ އެތައް ބަޔަކު ދެކުނު ހުވަފެނެކެވެ. ކުރި އުންމީދެކެވެ. އެ އުންމީދާއެކު އޭނާ ވެލެންސިއާގެ ހޭދަކުރި ކާމިޔާބު ޒުވާން ދުވަސްވަރުގެ ހަނދާންތައް އާވެގެންވެސް ދިޔައެވެ.

2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ދަގަނޑޭ ވަނީ ވެލެންސިއާ ޖާޒީގައި ވިދާލައިފައެވެ. 2001 ވަނަ އަހަރު އޮތް ޕޮމިސް ކަޕު މުބާރާތުގައި ތައިލެންޑްގެ ބީއީސީ ޓެރޯ ސަސާނާ އެފްސީއާ ދެކޮޅަށް ދަގަނޑޭގެ ފުރަތަމަ މެޗު ކުޅެފައިވާ އިރު، އެ ފަހަރު މުބާރާތުގައި ކުޅުމަށް ދަގަނޑޭއަށް ފުރުސަތު ލިބުނީ އަލީ އުމަރު ތިން މެޗަށް ސަސްޕެންޑް ކުރުމުންނެވެ.

ފުރަތަމަ މެޗުން ފެށިގެންވެސް ޒުވާން އުމުރުގައި ދަގަނޑޭގެ ހުނަރުވެރިކަން ގައުމީ ދަނޑުން ފެންނަން ފަށައި، އޭނާ ވަނީ 2002 ވަނަ އަހަރު ވެލެންސިއާއާއެކު އޭއެފްސީ ކަޕްގެ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ދަގަނޑޭ ކެރިއަރުގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހެދީ 2002 ވަނަ އަހަރު އޯގަސްޓް މަހު ވެލެންސިއާއިން ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.

ދަގަނޑޭ ވަނީ ވެލެންސިއާއެކު ދިވެހި ލީގު ޖެހިޖެހިގެން ހަތަރު އަހަރު ކާމިޔާބުކޮށްފައެވެ. 2001 ވަނަ އަހަރު ޕޮމިސް ކަޕްވެސް ދަގަނޑޭ ވެލެންސިއާއާއެކު ކާމިޔާބު ކޮށްފައިވާ އިރު، 2003 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން އަހަރު ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ވަނީ ހޯދައިފައެވެ. ދަގަނޑޭ ވަނީ ޖުމްލަ ހަތް ފަހަރު ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ތިން ފަހަރު އެފްއޭއެމްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ވެލެންސިއާއަށް ކުރިން ކުޅުނު 109 މެޗުން ދަގަނޑޭ ވަނީ 104 ގޯލު ޖަހައިފައެވެ.

އޭގެ ފަހުންވެސް ދަގަނޑޭ ހުއްޓުމެއް ނެތި، މިއަދާ ހަމައަށް އައީވެސް ދިވެހި ފުޓުބޯޅައިގައި ރަސްކަން ކުރަމުންނެވެ. މިހާތަނަށް ކެރިއަރުގައި 464 ގޯލް ޖަހާފައިވާ ދަގަނޑޭއަކީ ދުނިޔޭގެވެސް އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައެވެ. ގޯލް ޕާ ގޭމް ރޭޝިއޯއަށް ބަލާއިރު، އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނާއެކު ގުނާލެވޭ ކުޅުންތެރިއެވެ.

އުމުރުން 35 އަހަރު ނަމަވެސް ދަގަނޑޭއަކީ އަދިވެސް ލީގެއް ހޯދުމަށް، ދިވެހި ފުޓުބޯޅައިގެ ކާމިޔާބީއަށް އެންމެ މުހިއްމު "ފެކްޓާ"އެވެ. ކޮންމެ ސީޒަނެއްގައި އޭނާ އެދަނީ އެކަން ސާބިތުވެސް ކޮށްދެމުނެވެ. ހާއްސަކޮށް ވެލެންސިއާއަށް ދަގަނޑޭގެ ހިތުގައި އޮންނާނެ ލޯތްބަކީ އޭނާގެ ސީޒަން ވަރުގަދަ ވާނެ ސަބަބެކެވެ. ވެލެންސިއާ އަނބުރާ އެއްވަނައަށް ގެންދަން ކުޅުންތެރިން ނަގާފައިވާ ޗެލެންޖަކީ ހިތްވަރަކަށް ވާނެއެވެ.

"ވަގުތެއް އަދި ނުލިބޭ ފުލް ސްކޮޑާއެކު ފަރިތަކޮށްލާކަށް. އެކަމަކު މިހާރު ވަރަށް ރަނގަޅު ސްކޮޑެއް ލިބިފައި މިހާރު އޮތީ. އެހެންވީމާ ކޯޗު ބުނާހެން ފުރަތަމަ މެޗުގައި ޓީމުގެ ފުރިހަމަ ސްޓްރެންތު ނުފެނިދާނެ. އެކަމަކު ލީގު ކުރިއަށް ގޮސް، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރުގެ ޓީމެއް މިހާރު އެބައޮތް. އުންމީދަކީ ވެލެންސިއާ ކުރީގައި އޮތް ގޮތަށް ކާމިޔާބު ޓީމަކަށް ހަދާ، ކުރީގައި އޮތް ހިސާބަށް ގެންދިޔުން،" ކެޕްޓަން އަކުރަމް ބުނެފައިވެއެވެ.

ވެލެންސިއާގެ އެނބުރި އައުމަކީ ދިވެހި ފުޓުބޯޅައަށް ގެނެސްދިން ދިރުމެކެވެ. ހާއްސަކޮށް ދަގަނޑޭ ފަދަ ކުޅުންތެރިންނާއެކު އެ ކްލަބު އައުމަކީ އިދިކޮޅު ޓީމުތަކަށްވެސް ޗެލެންޖެކެވެ. ޗެލެންޖުގެ ނަތީޖާއަށް ބަލާނީ ސީޒަން ނިންމާފައެވެ. ޔަގީންވާ ކަމަކީ ލީގުގެ ފޯރިގަދަވާނެ ސަބަބަކީ ވެލެންސިއާވެސް އޮތުމުން ކަމެވެ. ވެލެންސިއާ ވަރުގަދަކޮށް އޮތުމަކީ އަދި މާ ހިތްހަމަ ޖެހޭނެ ކަމެކެވެ.