ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިން ފައިސާއިން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާލައިފި އެވެ.

އީއައިބީ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ދިން މި ފައިސާ ވިޔަފާރިތަކަށް ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ނަމުގައި ދޫކުރާ މި ލޯންގެ ދަށުން 15.42 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓްގެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ.

ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ [email protected] އަށް ކަމަށް ބީއެމްއެލުން ބުނެ އެވެ.

ކޮވިޑާ ގުޅިގެން އީއައިބީން ރާއްޖެއަށް 22.6 މިލިއަން ޑޮލަރު (349.5 މިލިއަން ރުފިޔާ)ގެ ލޯނެއް ދީފައިވެ އެވެ. މި ލޯނަކީ ޔޫރަޕުން ބޭރު ގައުމުތަކަށް ކޮވިޑާ ގުޅިގެން އެހީތެރިވުމަށް ކަނޑައެޅި 5.8 ބިލިއަން ޑޮލަރު (89 ބިލިއަން ރުފިޔާ)ގެ ސަޕޯޓް ޕެކޭޖުގެ ދަށުން ރާއްޖެއަށް ދިން ލޯނެކެވެ.