އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ އިން ހުޅުމާލެ އަށް ބަދަލުވެ ވަޑައިގެންފި އެވެ.
އެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް އަދީބު އިއުތިރާފުވެ ވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
ނަމަވެސް ޖަލުގައި ނުބަހައްޓައި އަދީބު ބަހައްޓާފައި ހުރީ ގޭގަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، އަދީބު ގޭ ބަންދުގައި ހުރީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުދަނގޫވެ، އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީ އެވެ. އަދި އެއީ ޖަލުގައި ބޭނުން ނުކުރެވޭ މެޝިނެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް މިނިސްޓަރު އަދި ކަރެކްޝަންސް އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަދީބު މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭ އަމީން އެވެނިއު އެޕާޓްމެންޓެއްގަ އެވެ. އަދި އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބެ އެވެ.
އަދީބު ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި އިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ވެސް މިހާތަނަށް ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު "ވަން" ވިދާޅުވީ، ހުކުމާއެކު ޒިޔަތު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޒިޔަތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މާފުށީ ޖަލުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު