ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕާކިސްތާނުގެ ރައީސް އާރިފް އަލްވީއަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީގެ ހިދުމަތުގެ ދިގު ތާރީހުގައި އެ ގައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވި ހަބަރު، ބައިނަލްއަގުވާމި މިޑީއާއިން އާންމު ކުރީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން 2002 އިން 2004 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވީ، ހާޓްއެޓޭކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.