މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމަށް ލިބިއްޖެއެވެ.

ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި މިރޭ ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް މުޒައްޔިނަށް ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރަައީސް ހިދާޔަތުﷲއެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް ނޫސްވެރިން ވާދަކުރިއެވެ. އަދި އެ ހުރިހާ ނޫސްވެރިންނާ އެމްއެމްސީން ވަނީ އިންޓަވިއުކޮށްފައެވެ.

އެ އެވޯޑަށް ނޮމިނޭޓްވި އިތުރު ނޫސްވެރިންނަކީ ވަގުތު އޮންލައިންގެ ޒަހީން އަބްދުﷲ، ދަ ޕްރެސްގެ މަރިޔަމް ނިމާ ހަސަން، ރާއްޖެ ޓީވީގެ ލައިސާ އަހުމަދު އަދި ވޮއިސް އޮންލައިންގެ މުހައްމަދު މުއައްލިމް އިބްރާހީމެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އިތުރުން މުޒައްޔިން ވަނީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ ޕްރިންޓް އޮންލައިން ކެޓަގަރީންވެސް އެވޯޑް ހާސިލުކޮށްފައެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކުން 10 ނޫސްވެރިޔަކު ވަނީ ހާސިލުކޮށްފައެވެ. މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފައިވެއެވެ.