މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި، 15 ބިލެއް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލިސް މިއަދުން ފެށިގެން އަހަރީ ޗުއްޓީއަށް ހިނގައްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މިއަދު ނިންމަވައިލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާގެ ވަގުތުގެ ގޮތުގައި ޖުމްލަ 89 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ.
ކޮމިޓީ ވަގުތުތަކުގައި 330 ގަޑިއިރު މެންބަރުން ހޭދަ ކުރައްވައި، ޖުމްލަ 15 ބިލެއް މި ދައުރުގައި މަޖިލީހުން ފާސްކޮށްފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މަޖިލީހަށް ރިޔާސަތުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ނިންމާފައިވާ ކަމަށާއި ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ނިންމަވައި އެހެނިހެން މައްސަލަތަކާ ގުޅޭ 14 ކަމެއް ކޮމިޓީތަކުން ނިންމަވައި ވަޒީރުންނާ 17 ސުވާލެއް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ފާހަގަކުރެއްވި ގޮތުގައި މި ދައުރުގައި ފާސްކުރި މުހިއްމު ބިލުތަކުގެ ތެރޭގައި ތައުލީމުގެ ބިލާއި، ރޭ ފާސްކުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، މިއަދު ފާސްކުރި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބަދަލު ގެނައި ބިލާއި، އިންތިގާލި އިންސާފުގެ ބިލު ހިމެނެއެވެ.
މަޖިލީހުގެ ކޮމިޓީތަކުން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، އިސްކަމެއްދީގެން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަމާ ބެހޭގޮތުން ކޮމިޓީތަކުން ކުރި މަސައްކަތްތައް ފާހަގަކުރެވޭ ކަމަށާއި އެކަންކަން ތަހުގީގުކުރުމަށް ގޮވާލައި ކުރި މަސައްކަތްތައް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހެލްތު މިނިސްޓްރީގެ ކޮވިޑް 19 އާ ގުޅޭ ފައިނޭޝަން އޮޑިޓް ރިޕޯޓާ ގުޅިގެން މިތަނުން ފާސްކުރި ރިޕޯޓް، އަދި މިއަދު އެސްއޯއީ ކޮމިޓީން ފާސްކުރި މޯލްޑިވްސް ގޭސްގެ ކޮރަޕްޝަން މައްްސަލައާ ބެހޭ ރިޕޯޓާއި މިހެންގޮސް މިފަދަ ކޮމިޓީތަކުން އެތައް މަސއްކަތެއްކޮށް އޭގެ އިތުރުން ދައުލަތުގެ ބަޖެޓު މި ދައުރުގައި ފާސްކުރި،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުމުގައާއި މަޖިލިސް މެންބަރުންގެ ނަމުގައި މަޖިލީހުގެ އިދާރީ ހުރިހާ މުވައްޒިފުންނަށް ޝުކުުރު ދަންނަވާ ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށް ދަނީ، މަޖިލީހުގެ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތްކުރައްވާ މުވައްޒިފުން ދެއްވާ އެއްބާރުލެއްވުމާއި ކުރައްވާ ބުރަ މަސައްކަތުގެ ސަަބަބުންކަން އީވާ ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު