އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިއަކަށް ބަހައްޓަން ވާވަރަށްވުރެ ނުރައްކާތެރި ބޭފުޅެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި އެ މައްސަލަ ބަލައި ގަންނަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން އެންމެ ހަތަރު މެންބަރުންނެވެ.
އެ މައްސަލަ ބަލައި ގަންނަން ނުފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 23 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަން ނައްތާލައި، އަމާންވެއްޓެއް ހޯދައި ދިނުމުގެ ވައުދަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެތެރެއިން ވައުދެއް ކަމަށްވާއިރު، ވަޒީފާދީ ވަޒީފާއިން ވަކިކުރަން އޮންނަ އުސޫލާއި ހިލާފަށް، ސަރުކާރުގެ ހިއްސާ އޮވެގެން ހިންގާ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބޭނުންވާ ފަރާތަކަށް ވަޒީފާދީ، އޭނާ ބޭނުންވާ ފަރާތްތައް ވަޒީފާއިން ވަކިކުރަމުންގެންދާ ކަމަށެވެ.
ސަރުކާރުގެ ވައުދާ ހިލާފަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ސަރުކާރުން ކަނޑައަޅާފައި ހުންނަ ފަރާތަކުން ކުރާއެ ކަންތައްތަކަކީ، މިހިނދުން މިހިނދަށް އެކަން ބައްލަވައި އާދަމް އާޒިމްގެ ނޭއްގާނީ އެއަމަލުން ވަޒީފާއިން ވަކި ވެފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އެ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ފިޔަވަޅު މިހިނދުން މިހިނދަށް މަޖިލީހުން އަޅަންޖެހޭ ކަމަށްވެސް މި މައްސަލައިގައި ބުނެފައިވެއެވެ.
ޖާބިރު ވިދާޅުވީ، އާދަމް އާޒިމް އެސްޓީއޯ ހިންގަންވަން ހުންނެވި ދުވަސްވަރު އޭނާގެ އަމަލުތަކުގެ ސަބަބުން ހިތްހަމަ ނުޖެހިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކެއް ހައްގު ހޯދަންކުރި މަސައްކަތުގެ ދަށުން 4.5 މިލިޔަން އެސްޓީއޯއިން އެފަރާތްތަކަށް ދީފައިވާ ކަމަށާއި، އެމްޑަބްލިއުއެސްސީގައި އާދަމް އާޒިމް ހުންނެވީރު އެތަނުގެ މުވައްޒިފުންތަކެއްގެ މައްސަލަވެސް ކޯޓު މަރުހަލާތަކުގައި ހިނގަމުންދާކަމުގެ ސައްހަ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަމަށެވެ.
އެހެންކަމުން އާދަމް އާޒިމަކީ އެފަދަ ކުންފުންޏެއްގެ އިސް ވެރިއަަކަށް ބަހައްޓާވަަރށްވުރެނުރައްކާ ފަރާތެއް ކަމަށާއި، އޭނާގެ އަމަލުތަކުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުން އެތައް މިލިޔަނަށް އަދަދު ކުރެވި އެއީ ސަރުކާރަށްވެސް ލިބޭ ބޮޑު ގެއްލުމަކަށްވާތީ އެމައްސލަ ބަލައިިދިނުމަށްވެސް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު