މިއަހަރުގެ ސީޒަން ހުޅުވުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބު އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުގެ ރެފްރީއަކަށް ހަންގޭރީގެ މަޝްހޫރު ރެފްރީ ވިކްޓޯ ކަސާއީ ހަމަޖައްސައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައި ވަނީ ޗެރިޓީ ޝީލްޑް މެޗުގެ ހާއްސަ މެހުމާނަކަށް ވަޑައިގަންނަވާނީ 2011 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ފެނިގެންދިޔަ ފަރާތެއް ކަމަށެވެ. އެ ފަރާތަކަށް ވެގެންދާނީ ރެފްރީކަން އޭރު އިއުލާން ކުރައްވާފައެއް ނުވެއެވެ.
2011 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ރެފްރީކަން ކުރި ވިކްޓޯއަކީ މިވަގުތު ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް ރެފްރީއެވެ. ވެންބްލީގައި 2011 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގެ އިތުރުން ވިކްޓޯ ވަނީ 2010 ވޯލްޑް ކަޕްގެ ބައެއް މެޗުތަކުގައިވެސް ރެފްރީކަން ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ބްރެޒިލުން ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗެއްގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިންއާއި ޖަރުމަނު ކުޅުނު މެޗުގެ ރެފްރީކަންވެސް ކޮށްފައެވެ.
2003 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރިއެއް ގޮތުގައި ފާހަގަކޮށްލެވޭ ވިކްޓޯ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރުގެ ކްލަބު ވޯލްޑް ކަޕްގައިވެސް ރެފްރީކަން ކޮށްފައެވެ. 2016 ވަނަ އަހަރުގެ ކްލަބު ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުން ކޮށްފައިވާއިރު، ވިކްޓޯ އަކީ ފީފާގެ ރަސްމީ މެޗެއްގައި ވީޑީއޯގެ އެހީތެރިކަމާއެކު ޕެނެލްޓީއެއް ދިން ފުރަތަމަ ރެފްރީއެވެ.
އެފްއޭއެމްގެ ޗެރިޓީ ޝީލްޑް މެޗުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއެވެ.
އެފްއޭއެމްއިން ކޮންމެ އަހަރެއްގެ ސީޒަން ފެށުމަށްވެސް ކުޅޭ ޗެރިޓީ މެޗުގައި ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ، ޕާޓްނަރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އެހީގެ ގޮތުގައި ދެއެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި ވަކި ހާއްސަ ޖަމިއްޔާތަކެއް އެފްއޭއެމްއިން އިއުލާން ކުރެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު