ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބަހްރެއިން އިން ދީފިއެވެ.

ބަޔޯއެންޓެކާއި ފައިޒާ ގުޅިގެން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ބަހްރެއިންގެ ނެޝަނަލް ހެލްތު ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

ބަހްރެއިން އިން ވަނީ ވެކްސިން ލިބުމާއެކު އެންމެ ފުރަތަމަ އެގައުމުގެ ހައި ރިސްކު ފަރާތްތަކަށް ވެކްސިން ދޭން ނިންމައިފައެވެ. އެގައުމުން ގަތުމަށް ކަނޑައަޅާފައިވަނީ ވެކްސިންގެ ކިހާ ޑޯޒެއް ކަމެއް އަދި ހާމަކޮށްފައި ނުވާއިރު ވެކްސިން ދޭން ފަށާ ތާރީހުވެސް ހާމަކޮށްފައެއް ނުވެއެވެ.

އެކްސްޕާޓުން ވަނީ ބަހްރެއިން ފަދަ ހޫނު ގައުމަކުން ފައިޒާ ވެކްސިން ހޯދާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ވެކްސިން ރަނގަޅު ފިނިހޫނު މިނުގައި ބެހެއްޓުން ކަމަށް ބުނެފައެވެ. ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީގައެވެ.

ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ ޔޫކޭއިންނެވެ.