ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ގެންނަން މަސައްކަތްކުރި ވެންްޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލު ކުރުމުގެ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ދޮގު ހައްދަވާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ދޮގު ހައްދަވާފައިވާކަމަށް ވިދާޅުގެ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާ ހަވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

މި މައްސަލަ ބެލުމަށްފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ކޮމިޓީން ބުނެފައި ވަނީ، މި މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީއަށް ފޮނުވާފައިވާ، މައްސަލައިގައި ހިމެނޭ ލިޔުންތަކަށް ރިއާޔަތްކޮށް ކޮމިޓީން މިނިސްޓަރާ ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭކަމަށެވެ.

އެހެންކަމުން އެކަމަކީ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ، ނުވަތަ މެންބަރެއްގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމެއް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ށ) ގެ ހަތްވަނަ ނަންބަރުުގެ ދަށުން އަމީން، މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްތުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމެއް ކަމަށް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ،" ކަމެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގައި ބުނެފައިވަނީ، މަޖިލީހުގެ މަސައްކަތާ ގުޅިގެން މައުލޫމާތު ދިނުމަށް ހާޒިރު ކުރެވޭ މީހަކު، މައުލުމާތު އޮޅުވާލައިގެން ދިނުމަށް ނުވަތަ ހަގީގަތް އޮޅިދާފަދަ ގޮތަކަށް ދިނުމަށް ބާރު އެޅުމުގެ ގޮތުން، އޭނާއަށް ބިރު ދެއްކުމާއި އޭނާއަށް ހަމަލާއެއް ދިނުމާއި، އޭނައަށް ނުފޫޒު ފޯރުވުމާއި އެއްވެސް ގޮތަކުން ރިޝްވަތެއް ދޭން މަސައްކަތް ކުރުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަންކަން ކަމަށެވެ.

ހަތަރުވަނަ ނަންބަރުގައި ބުނެފައި ވަނީ، ތިންވަނަ ނަންބަރުގައި ބަޔާންކުރާފަދަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި މި ކުށް ކުރީ ވަކި ފަރުދަކުނަމަ އޭނާގެ އަދަބަކީ، 1،000 ރުފިޔާ އާއި 5،000 ރުފޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މިފަދަކަމެއް ޖަމާއަތަކުން ނުވަތަ އޮގަނައިޒޭޝަނަކުން ނުވަތަ މުއައްސަސާއަކުން ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، 3،000 ރުފިޔާ އާއި 7،000 ރުފޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިންމަސް ދުވަހާއި ހަމަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ބުނެފައިވެއެވެ.

ހަތްނަ ނަންބަރުގައި ބުނެފައިވަނީ މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން، އަދި އަށް ވަނަ ނަންބަރުގައި ބުނެފައިވަނީ، ހަތްވަނަ ނަންބަރުގައި ބުނާފަދަ ކަމެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، 3،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ތިންމަސް ދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށްވެސް ބުނެފައިވެއެވެ.