މީހުން ޓްރެފިކް ކުރުމަށް ބޭނުންކުރާ މުދަލާއި، ފައިސާގެ އިތުރުން، މީހުން ޓްރެފިކްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ، މި އިސްލާހެއް ހުށަހެޅުއްވުމުގެ މަގުސަދަކީ، ތިންކަމެއް ހާސިލްކުރެއްވުން ކަމަށެވެ.

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ ހިއުމަން ޓްރެފިކިން ގައި އަންހެނުންނާއި ކުޑަކުދިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ހިއުމަން ޓްރެކިންގެ ޒަރީއާއިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭނެ ގޮތް ހަދައިދިނުމުގެ އިތުރުން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ނަގައިދޭނެ ގޮތް ކަނޑައެޅުން ކަމަށް ޖީހާން ވިދާޅުވިއެވެ.

އޭގެ އިތުރުން ބޭރުގެ މުއާހަދާތަކަށް އެކަންތައްތައް ފެއްތުންވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމަށް ޖީހާން ވިދާޅުވިއެވެ.

މި ބިލުގައިވާ ގޮތުން ކުޑަކުދިން ޓްރެފިކު ކުރާ މީހެއްގެ އަދަބަކީ، 15 އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ޓްރެފިކު ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.