ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރާއެކު މުޅި ފުޓުބޯޅަ އާއިލާވެސް ވަނީ ފުން ހިތާމައެއްގައެވެ. މަރަޑޯނާގެ ހަނދާންތައް އެތައް ފުޓުބޯޅަ ސްޓޭޑިއަމެއްގައި އެތަކެއް ކުޅުންތެރިންނެއް އާކުރަމުންދާއިރު، މަރަޑޯނާއަށް އެންމެ ހާއްސަ ސްޓޭޑިއަމްއަކީ އާޖެންޓީނާގެ ބޮކަ ޖޫނިއާސް ސްޓޭޑިއަމްއެވެ. މަރަޑޯނާއަށް ހާއްސަ ވީއައިޕީ ގޮޅިއެއް، ބޮކަ ޖޫނިއާސް ތާރީހީ ލަ ބޮންބޮނޭރާގައި ހަދާފައިވެއެވެ. މަރަޑޯނާގެ ކެރިއަރު ފެށި އެ ސްޓޭޑިއަމްއަށް މަރަޑޯނާގެ މަރު ވެގެންދިޔައީ ބޮޑު ހިތްދަތި ކަމަށެވެ.
އުމުރުން 60 އަހަރުގައި މަރަޑޯނާ ވަކިވެގެން ދިޔަ ރޭވެސް ބޮކަ ޖޫނިއާސްއިން ވަނީ އޭނާއަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ. ސްޓޭޑިއަމްގައި ހަދާފައިވާ މަރަޑޯނާގެ ހާއްސަ ވީއައިޕީ ގޮޅި ފިޔަވައި އެހެން ހުރިހާ ބޮކިތަކެއް ނިއްވާލައި، މަރަޑޯނާއާ ކްލަބާ އޮތް ގުޅުން ދައްކާލިއެވެ. މަރަޑޯނާގެ ކެރިއަރު ފެށި ބޮކަ ޖޫނިއާސްއިން އޭނާގެ މަރަށްފަހު ކުޅުނު ފުރަތަމަ މެޗަކީ އާދީއްތަ ދުވަހުގެ އާޖެންޓީނާގެ ކަޕްގައި ނިވެލްސް އޯލްޑް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗެވެ. ނިވެލްސްއަކީވެސް މަރަޑޯނާ ކުރިން ކުޅުނު ކްލަބެކެވެ.
މެޗަށް ދެޓީމުވެސް ނުކުތީ ހުރިހާ ޖާޒީއެއްގައި މަރަޑޯނާ ޖަހައިގެންނެވެ. މެޗުގެ ކުރިން މަރަޑޯނާގެ ހަނދާނުގައި ހާއްސަ ވަގުތުކޮޅެއް ހުސްކޮށްފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތަށްފަހު ސްޓޭޑިއަމްގައި މަރަޑޯނާއަށް ހާއްސަ ލަވައެއް ކަމަށްވާ "ލައިވް އިސް ލައިފް" ޖަހާފައިވެއެވެ. އެ ޓްރިބިއުޓުން އެންމެ ބޮޑު އަސަރެއް ކުރީ މެޗު ބަލަން ގޮސްހުރި މަރަޑޯނާގެ އަންހެން ދަރިފުޅު ޑަލްމާއަށެވެ.
ޑަލްމާ، ބޮކަ ޖޫނިއާސްގެ ސްޓޭޑިއަމްއަށް މަރަޑޯނާއާއެކު މެޗުތައް ބެލުމަށް އަބަދުވެސް ދެއެވެ. މަރަޑޯނާ އެކަނި މެޗު ބަލަން ދިޔުމަކީ ސަލާމަތީ ގޮތުން އެންމެ އެކަށޭނެ ކަމަކަށްވެސް ނުވާތީއާއެކުއެވެ. ހާއްސަކޮށް މަރަޑޯނާ ފުޓުބޯޅައަށް ދޭ ލޯތްބެއްގެ ބޮޑުކަމުން އޭނާ ކޮންޓްރޯލުންވެސް ނެއްޓިގެންދާނެ ކަން ދަރިފުޅަށްވެސް އެނގެއެވެ.
"އަހަރެން ދިޔައިން މަރަޑޯނާއާއެކު ބޮކަ ޖޫނިއާސްގެ މެޗެއް ބަލަން. އޭނާއަށް ހާއްސަ ވީއައިޕީ ގޮޅީގައި އާއިލާއާއެކު އިނީ. މަރަޑޯނާ ހިފަހައްޓައިގެން ދެ އަންހެން ދަރިން ތިބި އޭނާ ވެއްޓި ދާނެތީ. އެހާވެސް ލޯބިކުރާނެ ފުޓުބޯޅައަށް. އެއީ އެހެން ކުޅުންތެރިއެއްގެ ކިބައިން ފެންނާނެ ލޯތްބެއްވެސް ނޫން،" މަރަޑޯނާގެ މަރާއެކު ބީޓީ ސްޓޫޑިއޯގައި އިނދެ އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ގެރީ ލިނެކާ ކިޔައިދިން އަސަރުގަދަ ވާހަކަތަކުގައި ބުނެފައިވެއެވެ.
ކޮންމެއަކަސް އާދީއްތަ ދުވަހުގެ މެޗުގައި ވީއައިޕީ ގޮޅީގައި ޑަލްމާ އިންނަން ޖެހުނީ ބައްޕައާ ނުލައެވެ. ޑަލްމާއަށް ހާއްސަކޮށް ބޮކަ ޖޫނިއާސްގެ ކުޅުންތެރިން ހާއްސަ ޓްރިބިއުޓެއް ދީފައިވާއިރު، އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔަ މަންޒަރު ފެނިފައިވެއެވެ. ޑަލްމާ މެޗު ބަލަން ދިޔުމުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވާފައިވާއިރު، ހަބަރުތައް ބުނާ ގޮތުން އޭނާ ދިޔައީ ބައްޕަގެ ހަނދާންތައް އާކުރުމަށެވެ.
ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު، އެންމެ ހުނަރިވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާ، 1986 ވަނަ އަހަރުގެ އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން "ހީރޯ" މަރަޑޯނާގެ މަރަކީ ބޮޑު ހިތާމައެކެވެ. ހާއްސަކޮށް ބޮކަ ޖޫނިއާސްއަކީ މަރަޑޯނާގެ ހޯމްއެވެ. އެ ކްލަބަށް ދެ ފަހަރެއްގެ މަތިން އޭނާ ކުޅެފައިވާއިރު، 40 މެޗުން 28 ގޯލް ޖަހާފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު