ޚަބަރު

އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެ: ސަލީމް

އަލީ ޔާމިން

1

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި) ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި އެ ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބެޖެޓު ފާސްކުރުމުގެ ވޯޓުގައި އިދިކޮޅުން ބައިވެރިނުވީ، އެ ބަޖެޓަކީ ދަރަނި ބޮޑު އަދި ތަންފީޒު ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ބަޖެޓަކަށްވާތީ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން މަޖިލީހަށް ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާ ނިމުނުއިރު ބަޖެޓު ވަނީ 34.9 އަށް ބޮޑުކޮށްފައެވެެ. ބޮޑުކުރި ބަޖެޓު ފާސްވެގެން ދިޔައީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓުންނެވެ.

ސަލީމް ވިދާޅުވީ، ބަޖެޓަށް ބަލައިލުމުން އެއީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އެކުލަވާލައިފައިވާ ބަޖެޓެއްކަން ސާފުވާ ކަމަށެވެ. އެގޮތުން ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުއިރު އާމްދަނީ ވަންނާނެ ކޮޅުތައް ބަންދުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެންބަރުންވެސް ބަޖެޓާ ދެކޮޅު ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް ވޯޓު ދެއްވަން ޖެހުނީ ކަމަށް ބެލެވޭ ކަމަށެވެ.

ބަޖެޓާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ސަލީމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލޭނެ ކަމަށާއި އެއީ ބަޖެޓުގައި ޖަހާފައިވާ އާމްދަނީއަކީ ހިޔާލީ އާމްދަނީއަކަށް ވުމުން ކަމަށެވެ.

"ބަޖެޓު ފުރަތަމަ ހުށަހެޅުނުއިރު މިއޮތީ 17 ބިލިއަން ލިބޭނެ ކަމަށް. އެހެންނަމަވެސް އަނެއް ދުވަހު އިރުއެރިއިރު 31 ބިލިއަނަށް އާމްދަނީ ލިބޭނެ ކަމަށް އަތުވެއްޖެ. އެހެންކަމުން މިއީ ނޭނގެ ކިހިނެއްކަމެއް ހަދައިގެން މިއުޅެނީކީ. ހަމަ ހިތަށް އެރި އާމްދަނީއެއް ޖަހައިގެން މިއުޅެނީ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާއެކު ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފެންނަމުން އަންނަނީވެސް ރާއްޖެ ބަނގުރޫޓުވާ މަންޒަރު ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރު ނުހިނގޭ ހިސާބަށް ދަތުރުކުރާނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ވަނީ ރާއްޖެ ބޮޑު ބަޖެޓުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. އެގޮތުން ބަޖެޓުގައިވާ ކަންކަން ކުރުމަށް އިތުރަށް ފައިސާ ބޭނުންވެ އެމްއެމްއޭއިން ފައިސާ ޗާޕުކުރަން ޖެހި، އިންފްލޭޝަން ރޭޓު މައްޗަށް ގޮސް ހީނުކުރާ ވަރުގެ ގެއްލުންތަކެއް ވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.