ޑިއޭގޯ މަރަޑޯނާ

ނަޕޯލީ ފުން ހިތާމައެއްގައި، ސްޓޭޑިއަމްގެ ނަން މަރަޑޯނާއަށް ބަދަލުކުރަނީ

އާޖެންޓީނާގެ އިތުރުން މުޅި ފުޓުބޯޅައިގެވެސް ލެޖެންޑް، ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ މަރުވުމާއެކު އެންމެ ބޮޑު ހިތާމައެއް ކުރިމަތިވީ އިޓަލީގެ ނަޕޯލީގެ ސަޕޯޓަރުންނަށެވެ. ނަޕޯލީއަކީ ޔޫރަޕުގައި މަރަޑޯނާ އެންމެ ގިނަ ދުވަސް ވަންދެން ކުޅުނު ކްލަބެވެ. އެ ކްލަބުގެ ތާރީހުގައި ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއް މަރަޑޯނާ ކްލަބަށް ގެނެސްދީފައިވެއެވެ. މިއަދު މަގުތަކުގައި ފުރާލައި މަރަޑޯނާ ވަކިވުމުގެ ހިތާމައިގައި ކްލަބުގެ އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރިވަމުންދަނީ އެހެންވެއެވެ.

ހާޓް އެޓޭކެއް ޖެހި މަރަޑޯނާ މަރުވުމާއެކު އުފަން ގައުމުގެ މަގުތަކުގައިވެސް ހިތާމަ ފާޅުކުރަމުންދާ އިރު، ޔޫރޮޕާ ލީގުގައި ރޭ ނަޕޯލީން ކުޅުނު މެޗުގައިވެސް މަރަޑޯނާއަށް ހާއްސަ ވަދާއެއް ދީފައިވެއެވެ. ހުރިހާ ކުޅުންތެރިން މަރަޑޯނާގެ ޖާޒީގައި ދަނޑަށް ނުކުތް އިރު، ސްޓޭޑިއަމް ގުގުމާލާފައި ވަނީ މަރަޑޯނާއަށް ހާއްސަ ލަވައަކުންނެވެ. ސްޓޭޑިއަމްއަށް ނުވަދެވުނު ނަމަވެސް، އެތަކެއް ހާސް ސަޕޯޓަރުންނެއް ވަނީ ސްޓޭޑިއަމް ކައިރިއަށް އެއްވެފައެވެ. ކޮވިޑް 19ގެ ހާލަތުގައި އޮތް ނަމަވެސް އެތަކެއް ޒުވާނުންނެއް ސްޓޭޑިއަމް ކައިރިއަށް އެއްވެ ހިތާމަފާޅުކޮށްފައިވާ އިރު، މަރަޑޯނާގެ ކުޅުން ނުފެނި އޮތް ނަމަވެސް ސަޕޯޓަރުންނަށް ފަރުވާލެއް ނެތެވެ.

"މަރަޑޯނާ ކުޅުނު ތަން ނުފެނުނު ނަމަވެސް މަރަޑޯނާ ކްލަބަށް ކޮށްދިން ކަންކަން ރަނގަޅަށް އެނގޭ. މިދައްކަނީ މުއްސަނދި ކްލަބުތަކާ ވާދަކޮށް މި ކުޑަކުޑަ ނަޕޯލީ ޔޫރަޕްގެ ތަށި ކާމިޔާބުކުރި ވާހަކަ. މިއީ ފަގީރު ހިސާބެއްކަން އެނގޭ. މަރަޑޯނާއަކީ މި ސިޓީގެ ރަސްގެފާނު. އެތައް ހާސް ބަޔަކު ދަނީ މަގުތަކާއި ގޭގޭގެ ބެލްކަނީތަކުގައި ހާއްސަ ދިދަތައް ދަމައި، މަރަޑޯނާގެ ހަނދާން އާކުރަމުން،" ސަޕޯޓަރަކު ބުނެފައިވެއެވެ.

ނަޕޯލީގެ ވެރިޔާ އޮރޭލިއޯ ލައިރިންޓިސް ސަޕޯޓަރުންނަށް ފޮނުއްވި ޕަބްލިކް ސިޓީއެއްގައި ވިދާޅުވީ ނަޕޯލީގެ ސްޓޭޑިއަމްގެ ނަން، ޑިއޭގޯ އަރްމާންޑޯ މަރަޑޯނާއަށް ބަދަލުކުރަން ކްލަބުގެ ބޯޑުގެ ކިބައިން އެދޭ ކަމަށެވެ. އެ ހުށަހެޅުމަށް ނަޕޯލީ ސިޓީގެ މޭޔާރުވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހަބަރުތައް ބުނާގޮތުން ވަރަށް އަވަހަށް ނަން ބަދަލުކުރިކަން ރަސްމީކޮށް އިއުލާންކުރާނެއެވެ.

އާޖެންޓީނާގެ ބުއެނޯސް އޭރޯސްގެ މަގުތަކުން ފެންނަ މަންޒަރު އަދި މާ ބޮޑެވެ. މުޅި ގައުމު ހިތާމައިގެ ތިން ދުވަހުގައި އޮތް އިރު، މަގުތައް ފުރިފައިވަނީ މަރަޑޯނާގެ ފޮޓޯތަކާއި މަރަޑޯނާގެ ބެނާތަކުންނެވެ.