ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮވިޑް ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފިއެވެ.

ބައެއް ގައުމުތަކުން އެގައުމުތަކަށް އެތެރެވުމުގެ ކުރިން 48 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވެއެވެ. އެހެންކަމުން ކޮވިޑު ޓެސްޓުތައް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފައިވާ އާރުއެމްއެމްއެލް ލެބް ސާވިސް މެދުވެރިކޮށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ފަސޭހަކަމާއެކު ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ މަގުފަހިކޮށްދީފައެވެ.

އެންބީއޭއެމް އިން ބުނީ މާލެ ސަރަހައްދުގައި ކުރިއެކޭ ވެސް އެއްގޮތަށް ޓެސްޓު ހެދޭނީ 75 ޑޮލަރަށް ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޖެޓީން ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

މީގެ ކުރިން އަތޮޅުތެރޭގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ސަފާރީތަކަށް ގޮސްގެން ޕީސީއާރު ޓެސްޓު ހަދައިދޭ އަގަކީ 100 ޑޮލަރެވެ. ނަމަވެސް މިހާރު އެ އަގު ވަނީ 95 ޑޮލަރަށް ހެޔޮކޮށްފައެވެ.

އެންބީއޭއެމް އިން ބުނީ މިވަގުތު ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. އަތޮޅާއި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި އެ ފަތުރުވެރިއަކަށް ލިބޭނެ ކަމަށް އެންބީއޭއެމް އިން ބުނެއެވެ.