ޑިއޭގޯ މަރަޑޯނާ

މަރަޑޯނާ: ފަގީރުކަމުން ދުނިޔޭގެ ޗެމްޕިއަނަކަށް، ދަނޑު ބޭރުން ބަނަކޮށްލި ކެރިއަރު

"ކައިވެނި ހަފްލާއެއްގައި ހުދު ހެދުމެއްގައި ހުއްޓައި ކިސަޑުވެފައި ބޯޅަ ގަނޑެއް ގަޔާ ދިމާލަށް އައި ނަމަވެސް، ލައިގެން ހުރި އެއްޗެއް ހަޑިވުމަކަށް ބެލުމެއް ނެތި މޭމަތިން ޖައްސައި ބޯޅަ ކޮންޓްރޯލް ކޮށްލާނަން. އެކަމަށް ދެވަނަ ވިސްނުމަކަށްވެސް ނުދާނަން،" ދުނިޔެ ދުށް އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާ، ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ، ފުޓުބޯޅައަށް ދިން ގަދަރު ހާމަކޮށްދެމުން ބުނެފައިވެއެވެ.

ކިސަޑު ހޭކިފައިވާ ބޯޅައަކީ މަރަޑޯނާގެ ހަޔާތް ބަދަލުކޮށްލި އެކުވެރިޔާއެވެ. އާޖެންޓީނާގެ އެންމެ ފަގީރު އެއް ހިސާބުގެ، ދަތި ހާލުގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް އުފަން މަރަޑޯނާއަކީ ފުޓުބޯޅައިގެ އެންމެ އަލިގަދަ އެއް ތަރިއެވެ. އެތައް ބައެއްގެ ލޯތްބާއި ނަފުރަތުވެސް ލިބިފައިވާ ހުނަރުވެރިއެކެވެ. ރަން، އަލި ދުވަސްތަކާއެކު ބަނަ ކަޅު ދުވަސްތައްވެސް މަރަޑޯނާގެ ކެރިއަރުން ފެނުނެވެ. ރުޅިވެރިކަމާއި ނަފުރަތުގެ ޝިކާރައަކަށްވެސްވެ، އެ ހުރިހާ ވާހަކަތަކެއްގެ ތެރެއިންވެސް މަރަޑޯނާ ވެފައި ވަނީ އެތައް މިލިއަން މީހުންނެއްގެ ލޯބި ލިބުނު ލެޖެންޑަކަށެވެ.

ޅަ އުމުރުން ފެށިގެންވެސް ފުޓުބޯޅައިގެ ތެރެއަށް ވަދެ، އެތައް ބަޔަކަށް ހިނިތުންވުން ގެނުވި މަރަޑޯނާގެ ކުއްލި ވަކިވުމާއެކު އުފަން ގައުމު އާޖެންޓީނާގެ އިތުރުން މުޅި ފުޓުބޯޅަ މިއަދު ވަނީ ހިތާމައިގައެވެ. އުމުރުން 60 އަހަރުގައި، ރޭ ހާޓްއެޓޭކެއް ޖެހިގެން މަރުވި އާޖެންޓީނާގެ މަރަޑޯނާގެ ވަކިވުމާއެކު އެގައުމުގެ ސަރުކާރުން ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފައިވާ އިރު، ދުނިޔޭގެ އެތައް ތަނެއްގައި އެ ހިތާމަ ފާޅުކުރަމުންދެއެވެ. މަރަޑޯނާގެ ތަރި އެންމެ އަލިގަދަކޮށް ވިދާލި އިޓަލީގެ މަގުތަކުގެ އިތުރުން އާޖެންޓީނާގެ މަގުތަކުގައި އެތައް ބަޔަކު ހިތާމަ ފާޅުކުރަމުންދާ އިރު، ތާ އަބަދަށް 10 ނަންބަރު ޖާޒީ ފުޓުބޯޅައިން ރިޓަޔާ ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.

ބޯލް ބޯއީއަކުން ފެށުން، ކްލަބު ކެރިއަރުގައި ނަޕޯލީއާއެކު ޔޫރަޕުގެ ރަސްކަމަށް

އާޖެންޓީނޯ ޖޫނިއާސްގެ ޒުވާން ޓީމުގައި މަރަޑޯނާ އުޅުނު އިރު، އޭނާއަށް ހުނަރު ދައްކައިލަން ލިބޭ އެންމެ ބޮޑު ޕްލެޓްފޯމަކީ ކްލަބުގެ ސީނިއާ ޓީމު ކުޅޭ މެޗުތަކުގެ ހާފް ޓައިމެވެ. އެ ފުރުސަތު މަރަޑޯނާ ނަގައެއްވެސް ނުލައެވެ. ބޯޅަ ކޮންޓްރޯލާއި، ރީތި ހިތްގައިމު ޓަޗުތައް ޖައްސާލުމުގައި އާދަޔާ ހިލާފުކަމެއް ލިބިފައިވާ މަރަޑޯނާގެ އުމުރުން 12 އަހަރުގައި ބޯޅައުކަން އުޅޭ އުޅުމުގައިވެސް އެތައް ބަޔަކަށް ހައިރާންކަން ގެނުވިއެވެ. ހާފް ޓައިމުގައި ދެއްކި ހުނަރުވެރިކަމާއެކު އާޖެންޓީނާ ހައިރާންކޮށްލައެވެ.

އުމުރުން 15 އަހަރުގައި މަރަޑޯނާގެ އޭނާގެ ސީނިއާ ކެރިއަރު ފެށީ ބޮކަ ޖޫނިއާސްއިންނެވެ. 16 ނަންބަރު ޖާޒީގައި ދަނޑު މައްޗަށް ނުކުތް މަރަޑޯނާގެ ފުރަތަމަ ޓަޗާއެކުވެސް ސީނިއާ ކުޅުންތެރިއަކު ކައިރިން ނައްޓާލައި، އޭނާގެ ނަން ދުނިޔެއަށް އިއުލާންކޮށްލިއެވެ. އިސްކޮޅުން ކުރު ނަމަވެސް ހަށިގަނޑުގެ ވަރުގަދަކަމުން ބިމަށް ވަރުގަދަކޮށް ފެނުނު މަރަޑޯނާ ފަސް އަހަރު އާޖެންޓީނާގެ ހޭދަކުރުމަށްފަހު މިސްރާބު ޖެހީ ޔޫރަޕަށެވެ.

އޭރުގެ ރެކޯޑު އަގަކަށް 1983 ވަނަ އަހަރު މަރަޑޯނާ ބާސާއަށް ބަދަލުވީ 7.6 މިލިއަން ޑޮލަރަށެވެ. 1982 ވަނަ އަހަރު ސްޕެއިންގައި ކުޅުނު ވޯލްޑް ކަޕްގައި މަރަޑޯނާ ކުޅެފައިވާ އިރު، އެ ވޯލްޑް ކަޕްގައި އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާގެ ހުނަރާ މެދު އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. 1982 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މަރަޑޯނާ ވޯލްޑް ކަޕެއްގައި ފެނިލި ފުރަތަމަ ފެނިލުމެވެ.

ކުޅުމުގެ ސްޓައިލްގެ ގޮތުން މަރަޑޯނާއަށް އަމާޒުކޮށް ކުރާ ބޮޑެތި ފައުލްތައް ކޮންމެ މެޗެއްގައިވެސް ފެނިގެންދާ އިރު، ބާސާގައިވެސް އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހިފައެވެ. އެފަދަ ބޮޑެތި ފައުލްތަކާއެކު މަރަޑޯނާގެ ފަރާތުންވެސް ރުޅިގަދަވެ، އިދިކޮޅު ކުޅުންތެރިންނަށް ގަސްދުގައި ހަމަލާދީ، ހަމަނުޖެހުންތައް ހިންގި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ. އެއީ މަރަޑޯނާއެވެ: ދަނޑު ބޭރުންނާއި އެތެރެއިންވެސް އަބަދުހެން މަރަޑޯނާގެ ވާހަކަ އިވެނީ އެ ހުރިހާ ކަންތައްތަކެއް އެކުވެގެންނެވެ.

1984 ވަނަ އަހަރު މަރަޑޯނާ އިޓަލީގެ ނަޕޯލީއަށް ބަދަލުވެ ޓްރާންސްފާ ރެކޯޑު ދެވަނަ ފަހަރަށް މުގުރާލިއެވެ. 75،000 ސަޕޯޓަރުން ކުރިމަތީގައި މަރަޑޯނާ ދައްކާލީ ކްލަބުގެ އެންމެ ބޮޑު ދުވަހުގެ ގޮތުގައެވެ. އެ ފެނިލުމާ އެއްވަރަށް މަރަޑޯނާ ނަޕޯލީގެ ތާރީހުވެސް ބަދަލުކޮށްލިއެވެ. އޭސީ މިލާނާއި ޔުވެންޓަސްގެ އިތުރުން އިންޓަ މިލާން ފަދަ ކްލަބުތަކުން ޑޮމިނޭޓް ކުރަމުން އައި އިޓަލީގެ ފުޓުބޯޅައިގެ ތެރެއަށް ނަޕޯލީގެ ނަން އިތުރުކޮށް، ކްލަބުގެ ކެޕްޓަން ބޭންޑާއެކު ތާރީހީ ފުރަތަމަ ސެރެއާ އޭ ކާމިޔާބުކޮށް، ޔޫރަޕްގެ ރަސްކަމަށްވެސް ކްލަބު ގެންގޮސްދިނެވެ. ޔޫރަޕްގެ ތައްޓާއެކު ނަޕޯލީގެ ތާރީހުގައިވެސް އެންމެ އަލިގަދަ ނަމަކީ އަދިވެސް މަރަޑޯނާއެވެ.

ދުނިޔެ ތާރީހު ދުށް އެންމެ މޮޅު ގޯލާއެކު ދުނިޔޭގެ ޗެމްޕިއަނަކަށް

1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާއަށް އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލީ ސްޓައިލުގައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު އެއަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަ އަދިވެސް ފަޑުވުމެއް ނެތެވެ. މުޅި ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައި ހަމަލާގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާ އިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.

އެ ގޯލުތަކުގެ ތެރެއިން ހާއްސަކަމެއް ލިބެނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ދެ ގޯލަށެވެ. އެއީ މުޅި ފުޓުބޯޅަ ތާރީހުގައިވެސް އަބަދުހެން ދެކެވޭނެ ދެ ގޯލެއްގެ ވާހަކައެކެވެ. ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލެވުނެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.

ދެން އޮތީ އެ މެޗުގައި ޖެހި ދެވަނަ ގޯލުގެ ވާހަކައެވެ. އެ ގޯލަކީ 2002 ވަނަ އަހަރު ނެގި ވޯޓަކުން މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ހޮވުނު ގޯލެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ. އެއީ މަރަޑޯނާގެ ލެގަސީއެވެ. އެ ވޯލްޑް ކަޕް އުފުލައިލީ ގައުމު ކޮނޑުގައި ޖަހައިގެން ގޮސް، ކެޕްޓަން ބޭންޑް އަޅައިގެން، ލީޑާޝިޕްގެ މިސާލުވެސް ދައްކައިފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަވެސް ނެގީ ޝައްކެއް ނެތް ގޮތުގައެވެ.

އެހިސާބުން އާޖެންޓީނާއާއެކު މަރަޑޯނާގެ ކާމިޔާބު ނިމުނީކީ ނޫނެވެ. މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުގައި އާޖެންޓީނާ 1990 ގެ ވޯލްޑް ކަޕަށް ނުކުމެ، ރަނަރަޕްކަންވެސް ހޯދިއެވެ. އަނިޔާގެ މައްސަލަތަކާއެކުވެސް މަރަޑޯނާ އާޖެންޓީނާއާއެކު ފައިނަލަށް ދިޔައެވެ. އެހެން ނަމަވެސް ވެސްޓް ޖާމަނީން 1986 ފައިނަލްގެ ބަދަލު ހިފާ މަރަޑޯނާ ރޮއްވާލީއެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް މަރަޑޯނާ ނުކުތެވެ. އެހެން ނަމަވެސް އޭރު އޮތީ އޭނާގެ ކެރިއަރުގެ ބަނަ ދުވަސްތަކުގެ ކޮޅު މަތީގައެވެ. ދެން އޮތީވެސް އެވާހަކައެވެ. މަސްތުވާތަކެއްޗާ ޖެހި ކެރިއަރެއް ހަލާކުވެ ދިޔަ ގޮތުގެ ވާހަކައެވެ.

މަސްތުވާތަކެއްޗާއެކު ކެރިއަރުގެ ހަލާކު، ސިއްހީ ހާލަތު ގޯހުން ގޯހަށް

މަރަޑޯނާގެ ކެރިއަރުގެ ހުރަހަކީ ދަނޑު ބޭރުން އޭނާ ހޯދަން މަސައްކަތްކުރި ހިތްހަމަ ޖެހުމެވެ. ދަނޑު ބޭރުގައި މަރަޑޯނާ ގެންގުޅު ލައިފްސްޓައިލަކީ އެތައް ފާޑުކިޔުންތަކެއް އަމާޒުވެ، މަރަޑޯނާގެ ސަޕޯޓަރުން މާޔޫސްކޮށްލި ނުތަނަވަސްކަމެކެވެ. 1980ގެ އަހަރުތަކުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަރަޑޯނާ ކޮކެއިންއަށް ދެވިހިފައި، 1983 ވަނަ އަހަރު ބާސާއަށް ކުޅުނުއިރުވެސް އޭނާ ދިޔައީ މަސްތުވާތަކެތި ބޭނުންކުރަމުންނެވެ. އެކަން އެތައް ފަހަރެއްގެ މަތިން ވަނީ ފަޅާވެސް އަރައިފައެވެ. ފަޅާއެރުމަކަށް މަރަޑޯނާ ސަމާލުކަމެއްވެސް ނުދެއެވެ.

1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެދުތެރެއިން މަރަޑޯނާ ސަސްޕެންޑް ކުރީވެސް މަނާ ބޭހަށް ޕޮޒިޓިވް ވެގެންނެވެ. މަރަޑޯނާ ބުނި ގޮތުގައި އޭނާ މަނާބޭހަށް ޕޮޒިޓިވްވީ، އެނާޖީ ޑްރިންކެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެ ބޭހަކީ މަސްތުވާތަކެތީގެ އެތައް ބާވަތެއްކަން އޭނާގެ ދިރިއުޅުމުން ހެކިދެއެވެ.

މާ ބޮޑަށް ފަލަވެ، 130 ކިލޯއަށް ބަރުދަން އަރައިގެން ގޮސް، 2005 ވަނަ އަހަރު ބަރުދަން ލުއިކުރުމުގެ ސާޖަރީއެއް ހަދައި، މަރަޑޯނާ ވަނީ ތިން މަސް ދުވަހުގެ ލިކުއިޑް ޑައިޓެއްގައި އުޅެފައެވެ. 2007 ވަނަ އަހަރު ހެޕަޓައިޓަސްއަށް ފަރުވާ ދިނުމަށް މަރަޑޯނާ އެޑްމިޓް ކޮށްފައިވާ އިރު، އެ އަހަރު މަރަޑޯނާ ވަނީ ރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ކަމަށް ރަސްމީ ޓީވީގައި އިއުލާންކޮށްފައެވެ.

ކުރީގެ ލައިފްސްޓައިލް ދޫކޮށް، މަރަޑޯނާ ކޯޗިންއަށް އެނބުރި އައިސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ގޮވައިގެން ދިޔުންވީ ފުޓުބޯޅަ ދުނިޔެއަށް ހިނިތުންވުމެއް ގެނުވި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ކޯޗިން ކެރިއަރު މާ ކާމިޔާބެއް ނުވިއެވެ. ސިޔާސީ އެކިއެކި ކަންކަމުގެ އިތުރުން ކްލަބުތަކުގެ ބޯޑުގައިވެސް ފަހުން ހަރަކާތްތެރިވި މަރަޑޯނާ މީގެ ދެއަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ސަޕޯޓަރެއްގެ ގޮތުގައި ފެނުނެވެ. އެ މަންޒަރުވެސް ތަފާތެވެ. ފުޓުބޯޅައަށް ހުރި ލޯބި ދައްކާލައި، އަސަރާއެކު އާޖެންޓީނާއަށް ކުރި ސަޕޯޓުން، މެޗު ނިންމާފައި ގެންގޮސް ހާއްސަ ފަރުވާ ވެސް ދޭން ޖެހުނެވެ.

ތާރީހީ އެތައް ފޮޓޯއެއް، ތާރީހީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯތަކުން މިއަދު މުޅި ދުނިޔެ މަރަޑޯނާގެ ހަނދާން އާކޮށްދީފިއެވެ. އެތައް ބައެއްގެ ތައުޒިޔާއާއެކު ފުޓުބޯޅަ ދުނިޔެ ރޮއްވާލައިފިއެވެ. ވަކިވެގެން ދިޔައީ މިހާތަނަށް ދުނިޔެ ދުތް އެންމެ ކުޅަދާނެ އެއް ކުޅުންތެރިޔާއެވެ. އެންމެ ހުނަވެރި ކޮންޓްރޯލެއް ގެންގުޅުނު ނަންބަރު 10 އެކެވެ. އަރިގެން ދިޔައީ ހަލުވިކަމާއެކުއެވެ. ވިދާލީ އެންމެ އުހުގައެވެ. ފަގީރެއް، ކުޑައެއް ކަމަކު މަރަޑޯނާއެއް ނުހިފެހެއްޓުނެވެ. ދުނިޔޭގެ ޗެމްޕިއަން ކަމަށް ގޮސް ރަން މެޑަލްވެސް އަޅައި، އެ ކެރިއަރު އަޑިއަޅާލީ އަނދަވަޅަކަށެވެ. ދަނޑު ބޭރުގެ މައްސަލަތަކުން މުޅި ކެރިއަރު ފުނޑިގެންދިޔައީ މާ އަވަހަށެވެ. އެ ހުނަރުވެރިކަން ގެއްލުނީ ކުއްލިއަކަށެވެ. "އެއީ މަރަޑޯނާއެވެ: އެއީ އާޖެންޓީނާއެވެ."