ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ސައުދީ އަރަބިޔާއަށް ނަތަންޔާހޫ ވަޑައިގަތުމުގެ ސިއްރަކީ ކޮބާ؟

އިމާދު ލަތީފު

1

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ މިހަފުތާގެ އާދީއްތަ ދުވަހު ސައުދީ އަރަބިޔާއަށް ވަޑައިގެން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވައިފިއެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރަކު ސައުދީ އަރަބިޔާއަށް ވަޑައިގެންނެވިކަން ސާބިތުވި ފުރަތަމަ ފަހަރެވެ. މިއީ އިސްލާމީ ދުނިޔޭގެ ހުންގާނާއި ހަވާލުވެގެން ތިބިކަމަށް ދައުވާކުރާ ސައުދީ ވެރިކަމުގެ ފަރާތުން އިޒްރޭލުގެ ޔަހޫދީ ދައުލަތް ގަބޫލުކޮށްފިކަން އެންމެ ސާފުކޮށް ފެނިގެންދިޔަ ފަހަރެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ބޮޑުކަމެކެވެ. މިއީ މެދުއިރުމަތި އައުގޮތަކަށް ފުރޮޅިއްޖެކަން ދޭހަވާ ކަމެކެވެ.

ސައޫދީ ސަރުކާރުން މިކަމާމެދު އެއްޗެއް ނުބުނެއެވެ. އެކަމަކު އިޒްރޭލާއި އެމެރިކާގެ ރަސްމީ ފަރާތްތަކުން ވަނީ ނަތަންޔާހޫގެ މިދަތުރު ޔަގީންކޮށްދީފައެވެ. ޕްރިންސް މުހައްމަދު ބިން ސަލްމާނާއި ނަތަންޔާހޫގެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިޒްރޭލުގެ ޖާސޫސީ އިދާރާގެ ވެރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންވީމާ މިއީ ރައީސް ޓްރަމްޕުގެ ސަރުކާރުގެ ދައުރެއް އޮވެގެން އެސަރުކާރުގެ އެޖެންޑާއެއް ހާސިލްކުރުމުގެ މަގުސަދުގައި ކުރެވުނު މަޝްވަރާތަކަކަށް ވެދާނެއެވެ. ޔަގީންނުވާ އެއްޗަކީ އެއީ ކޮން އެޖެންޑާއެއް ކަމެވެ.

ދެ ބޭނުމެއް އޮވެދާނެއެވެ. ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރު ޖެނުއަރީ މަހުގެ ވިހިވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ. އައު ރައީސް ޖޯ ބައިޑެންގެ ދައުރުގައި ފެންނާނީ ވަރަށް ތަފާތު އެމެރިކާއެކެވެ. އެހެންވީމާ މެދުއިރުމަތީގައި ތިބި ޓްރަމްޕުގެ އެންމެ ގާތް މިތުރުން އެއްތަންވެގެން ބައިޑެންގެ ދައުރު ފެށުމުގެ ކުރިން ޓްރަމްޕަށް ކޮންމެވެސް ކަމެއް ކޮށްދޭން އުޅެނީކަމަށް ވެދާނެއެވެ. ދޭނެ ހަދިޔާއެއް ނިންމަނީ ކަމަށްވެސް ވެދާނެއެވެ. އެއީ އީރާނަށް ހަމަލަދިނުން ކަމަށް ވެދާނެއެވެ. އަދި ސައުދީ އަރަބިޔާއާއި އިޒްރޭލު ރަސްމީކޮށް ގުޅުން ގާއިމުކޮށް އެކަން އިއުލާންކުރުން ކަމަށްވެސް ވެދާނެއެވެ.

ނަތަންޔާހޫއާއި އިޒްރޭލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ސައުދީ އަރަބިޔާއަށް ވަޑައިގެންނެވީ އިޒްރޭލުގެ މަހުޖަނެއްގެ އަމިއްލަ މަތިންދާބޯޓެއްގައެވެ. ބޯޓު ތިރިކުރީ ސައުދީ އަރަބިޔާގެ އެންމެ ހުޅަގު އުތުރުގެ ޕްރޮވިންސެއް ކަމުގައިވާ ތަބޫކުގެ ނިޔައުމަށެވެ. މިއީ ރަތްކަނޑުގެ އައްސޭރީގައި ސައުދީ ސަރުކާރުން ދާދިފަހުން ތަރައްގީކުރަން ފެށި 500 ބިލިޔަން ޑޮލަރުގެ އައު ސަހަރެކެވެ. މިއީ މުހައްމަދު ބިން ސަލްމާނުގެ އަމިއްލަ މަޝްރޫއެއް ގޮތަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ކޮންމެއަކަސް ތަބޫކުގެ މިސަހަރުގައި ގާތްގަޑަކަށް ފަސްގަޑިއެއްހާއިރު ކުރި މަޝްވަރާތަކަށްފަހު އިޒްރޭލުގެ ވަފުދުވަނީ އެނބުރި އިޒްރޭލަށް ގޮސްފައެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާ ޔޯސީ ކޯހެން މިދަތުރުގައި ބައިވެރިވުމަކީ ދަތުރުގެ ސީރިއަސްކަން އިތުރުވެގެންދާ ކަމެކެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ސައުދީ އަރަބިޔާއާއި އެމިރޭޓްސްއާއި ބަހުރޭން އަދި އިޒްރޭލުގެ އެއްބާރުލުން ލިބިގެން އެމެރިކާ އުޅެނީ ޖެނުއަރީ ވިހިވަނަ ދުވަހުގެ ކުރިން އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށެވެ. މިފަދަ ހަމަލަޔަކާ ގުޅޭގޮތުން އެމެރިކާގެ ސަލާމަތީ އޮފިޝަލުންގެ ރައުޔުވެސް ދާދިފަހަކުން ޓްރަމްޕު ވަނީ ހޯއްދަވައިފައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އީރާނަށް ބޮނޑިއެއްދީފައިނޫނީ ދައުރު ނިންމާލަން ޓްރަމްޕު ބޭނުމެއް ނުވެއެވެ.

އީރާނަށް ހަމަލައެއްދީފައި އެހާފަސޭހައިން ބޯދަމައިގަތުމަކީ ޓްރަމްޕާއި އޭނާގެ އެކުވެރީންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެއެވެ. ޚާއްސަކޮށް ސައުދީ އަރަބިޔާއާއި އެމިރޭޓްސް ފަދަ ގައުމުތަކަށް ކުރިމަތިލާންޖެހޭ ނަތީޖާގެ ހިތިކަން ވަރަށް ބޮޑުވާނެއެވެ. މިސަބަބަށްޓަކައި ބައެއް މީހުން ގަބޫލުކުރަނީ މިއީ އިޒްރޭލާއި ސައުދީ އަރަބިޔާގެ މެދުގައި ރަސްމީގޮތުން ގުޅުން ގާއިމުކުރުމުގެ މަޝްވަރާތަކެއް ކަމަށެވެ. ސައުދީން އިޒްރޭލު ގަބޫލުކޮށް ގުޅުން ގާއިމުކުރުމަކީ އިޒްރޭލާއި ޓްރަމްޕަށް ލިބޭނޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ސައުދީ އަރަބިޔާއިން އިޒްރޭލާ މިހާތަނަށް ގުޅުން ގާއިމްކޮށްފައިނެތަސް އެމިރޭޓްސްއާއި ބަހުރޭން އަދި ސޫދާންފަދަ ގައުމުތަކުން ދާދިފަހުން އިޒްރޭލާ ގުޅުން ގާއިމްކޮށްފައިވަނީ ސައުދީ ސަރުކާރުގެ ދައުރެއް އޮވެގެންނެވެ. ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ އަތެއް އޮވެގެންނެވެ. މިހާތަނަށް ސައުދީން އަމިއްލަޔަށް އެގުޅުން ގާއިމްކޮށްފައިނެތީ ކިޔަމުން އަންނަ ލަވަޔާއި އަމަލުކުރަންޖެހޭގޮތް ދިމާނުވާތީއެވެ. ސައުދީން މިހާތަނަށް ބުނަމުން އައީ އިޒްރޭލާ ގުޅުން ގާއިމްކުރާނީ އިރުމަތީ ގުދުސުން ފައިބައި ފަލަސްތީނުގެ ހައްގުތައް އިއާދަކުރި އިރަކުން ކަމަށެވެ.

އިޒްރޭލުން އެޝަރުތު ފުރިހަމައެއް ނުކުރާނެއެވެ. އެހެންވީމާ ސައުދީންގެ ސިޔާސަތަކަށް ފަހުން ވެފައިއޮތީ އިސްލާމީ ދުނިޔޭގެ ވީހާވެސް ގިނަ ބަޔަކަށް ފިއްތުންތައް ކުރިމަތިކޮށްގެން އިޒްރޭލާ ގުޅުން ގާއިމު ކުރުވުމަށެވެ. ވިހި ފަންސަވީސް ގައުމުން އެކަންކުރީމާ ދެން ތިމަންނާމެންވެސް ނުކުރާންވީ ސަބަބެއް މިހާރު ނެތެއްނޫންހޭ ބުނެފައި ގުޅުން ގާއިމްކުރާން ކަމަށެވެ. މިވިސްނުމުގައި ޕާކިސްތާނާއި މެލޭޝިޔާފަދަ ގައުމުތަކަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ޕްރެޝަރު ކުރިމަތިކުރައްވަމުން ގެންދަވާކަން އެދެގައުމުން ދާދިފަހުން ކަށަވަރުކޮށްދީފައިވެސް ވެއެވެ.