އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ބީއެމްއެލުން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މިއީ އެ ޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރި ކުރުވަން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ދިން މާލީ އެހީ އެކެވެ.
މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ޖަމިއްޔާއާ އެ އެހީ ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. އެފްއެލްސީގެ ފަރާތުން އެ އެހީއާ ހަވާލުވެ ވަޑައިގަތީ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.
މި ރަސްމިއްޔާތުގައި ޓިމް ވަނީ، އަންހެނުންނަށް ކުރިމަތިވާ އަނިޔާއާ ދެކޮޅަށް އެފްއެލްސީގެ ފަރާތުން މެދުކެނޑުމެއް ނެތި، ވޭތުވެ ދިޔަ ހަ އަހަރު ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެފްއެލްސީން މި އެހީ ބޭނުންކުރަން ހަމަޖެހިފައިވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެ ޖަމިއްޔާއިން ކުރަމުން އަންނަ ގާނޫނީ އެހީއާ ގުޅޭ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށެވެ. އަދި އެ ޖަމިއްޔާއިން ހިންގާ ލީގަލް އެއިޑް ޕްރޮގްރާމްގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށް ވެސް އެ އެހީ ބޭނުންކުރާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު