ތައުލީމީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ "ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު" އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ވެބްސައިޓު މިއަދު އިފްތިތާހުކޮށްފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސިޔާސަތާއި އެކްޝަން ޕްލޭން އަދި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
މި ސިޔާސަތު އެކުލަވާލައިފައިވަނީ މިއަހަރު ގެޒެޓުކުރި "ތައުލީމީ ގާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތް ކުރުމާއެކު ޔުނެސްކޯގެ އިންކުލޫސިވް އެޑިޔުކޭޝަން ފްރޭމްވޯކްގައިވެސް ހިމަނާފައިވާ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ.
ސިޔާސަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ބައިތަކަކީ ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދީފައިވުމާއި ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި މުޅި ސްކޫލު މިކަމުގައި ޝާމިލުކުރުވުމެވެ.
މިއަދު އިފްތިތާހު ކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަނުން 2021 އިން 2025 އަށް ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތަކާއި އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ތަރުތީބު ކުރާނޭ މައިގަނޑު ކަންކަމެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ވެބްސައިޓު ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް އިންކުލޫސިވް އެޑިޔުކޭޝަނާ ގުޅޭގޮތުން ސްކޫލުތަކާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ކަމާ ގުޅުންހުރި މައިގަނޑު ނަންތަކުގެ ތެރެއިން އާއްމުކޮށް މިހާތަނަށް ރާއްޖެއިން ލިބެން ނެތް ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު