ރާއްޖެއަށް ކޮވިޑް ވެކްސިން ގެނައުމުގެ ކަންތައް، ވެންޓިލޭޓަރަށްވީ ގޮތަށްވެ ނުދިއުމަށް މިހާރުން ފެށިގެން ސަމާލުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުން ހަމަޖެހިފައި އޮތް ވަގުތުގައި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ސުވާލުކުރަން އޮތުމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަޑައިގެންނެވިނަމަ އިތުރު ސުވާލުގެ ތެރޭގައި ވެކްސިންގެ ވާހަކަ އަހައިލެވުނީސް ކަމަށެވެ.
ވެކްސިންގެ ކަންތައް ވެންޓިލޭޓަރަށްވީ ގޮތަށް ވެނުދިއުމަކީ، "މިހާރުއްސުރެ ފެށިގެން އަޅުގަނޑުމެން އެކަމަށް ސަމާލުވެ ތިބެންޖެހޭ ކަމެއް. އަދި އަދަށް ދާންދެންވެސް ވެންޓިލޭޓަރެއް ރާއްޖެއަށް މިކަމާ ގުޅިގެން ގެނެވިފައި އޮތީކީ ނޫން، އެގޮތަށް ވެކްސިނަށް ކަންތައްތައް ދިމާވެއްޖެނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލުކުރުމުގެ ވަގުތުގައި، ހެލްތު މިނިސްޓަރު މަޖިލިސް ޖަލްސާއަށް ވަޑައިގެން ޖަވާބުދެއްވުމުގެ ބަދަލުގައި އެމަނިކުފާނު ޖަވާބު ފޮނުއްވާފައިވަނީ ލިޔުމުންނެވެ.
ރާއްޖެއަށް ކޮވިޑް 19 ފެތުރެން ފެށުނުތަނާހެން ހެލްތު މިނިސްޓްރީން ރާއްޖެއަށް ގެންނަން މަސައްކަތް ފެށި، ވެންޓިލޭޓަރުތައް އަދިވެސް ގެނެވިފައެއް ނުވެއެވެ. އެންމެ ފަހު ވެންޓިލޭޓަރު ގެނައުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އެ މައްސަލައިގައި، އޭރުގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތުން އެ މިނިސްޓްރީގެ އެންމެ އިސް 11 ބޭފުޅަކަށް ދައުވާކުރަން އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
އޭރު ހުންނެވި ހެލްތު މިނިސްޓަރު އަމީން މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވީ ވެސް އެ މައްސަލައިގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އެންމެ ލަސްވެގެން ވެސް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑުގެ ވެކްސިނެއް ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ.
"އުންމީދު ރަނގަޅު. އެންމެ ގިނަވެގެން ހަތަރު، ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް." ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު