ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.

މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 7،98،536.69 (7.9 މިލިއަން ރުފިޔާ) އެ މަޝްރޫއަށް ހަރަދުކުރާ އިރު، ދިވެހި ދައުލަތުން ވެސް 7.1 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުރީދު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށާއި ހާއްސަކޮށް އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިސްކަންދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ސަންޖޭ ވިދާޅުވީ، އައްޑޫގައި ގާއިމުކުރެވޭ ޑްރަގް ޑިޓޮކްސިޕިކޭޝަން ސެންޓަރަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ.

ހުޅުދޫގައި ޑިޓޮކްސިޕިކޭޝަން ސެންޓަރެއް ގާއިމުކުރުމަށް ރެއިންބޯއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.