މަސްވެރިކަމުން ފައިދާ ލިބެން އޮތީ އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން ވިއްކިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނާ މަސް ނުކިރުމާއި، މަސްވެރިންނަށް ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވި ގަރާރަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، މަޖިލިސް ރައީސް ވަނީ މަސްވެރިކަަމުން ފުރިހަމަ އާމްދަނީ ލިބޭނެކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތްތައް ވިދާޅުވެދެއްވައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަސްވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ވާހަކައަކީ، ޒަމާންތަކެއް ވަންދެން ރާއްޖޭގައި ބަހުސްކުރަމުން އަންނަ މައުލޫއެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ދޯނިފަހަރުގައި 70 ގެ އަހަރުތަކުގެ ތެރޭގައި އިންޖީނު އެޅުމުގެ ކުރީގައި ދިވެހިން މަސްބާނައި، މަސްކައްކާ، މަސް ހިއްކައިގެން، މަސް ބޭރުކުރާތާ 800 އަށްވުރެ ގިނަ އަހަރުތަކެއް ވެއްޖެ، މި ރާއްޖޭގެ އިގްތިސާދު އަބަދުވެސް އެ މަސްވެރިކަމުގެމައްޗަށް ބިނާވެފައި އެތައް ޒަމާނެއްވަންދެން ހުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ރާއްޖެއަށް ބާނާމަހުގެ 70 ޕަސެންޓް މަސް ބޭރު ކުރަނީ ރޯމެޓީރިއަލްގެ ގޮތުގައި ޕްރޮސެސްނުކޮށް ކަމަށެވެ.

އެ މަހަށް ލިބެނީ، "ރަނަގޅު ދުވަހެއްގައި 1200 ޑޮލަރު ޓަނަކަށް، ރޮލާ ބޭރުކުރީމަ، ޕްރޮސެސްކޮށްފަ މަސް ބޭރުުރީމަ އެނގިވަޑައިގަންނަވާނެ އެންމެ ރަނގަޅު ދުވަހެއްގައިވެސް 2500 ޑޮލަރު އެބަޖެހޭ ޓަނަކަށް،" ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުުގައި ރާއްޖޭގެ އެކި ސަރަހްދުތަކުގައި ހުރި މަސްފިނިކުރާ ތަންތަަން ހިންގަަނީ ބޮޑު ގެއްލުމެއްގައެވެ. އެގޮތަށް ގެއްލުންވަނީ ސަރުކާރުގެ ކުންފުނިތަކުން އެތަންތަން ހިންގާތީކަން ފާހަގަ ކުރައްވައި އެތަންތަނަށް، ސަބްސިޑީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މިލިޔަނުން ފައިސާފޮނުވަން ނުޖެހޭކަމަަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ބިނާކޮށްފައިވާ މަސްފިނިކުރާ ތަންތަނާއި އަދި ކާރުހާނާތައް އަބަދުވެސް ހިންގަނީ ބޮޑެތި ބޮޑެތި ގެއްލުމުގައި، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމުންވާ ގެއްލުންކަމަށް ފެންނަނީ، 2010 ވަނަ އަހަރުގައި އަމިއްލަ ފަރާތްތަކަށް ކަޅުބިލަމަސްގަނެ ޕްރޮސެސްކޮށް ބޭރުކުރުމުގެ ހުއްދަ ދިނުމުން މިހާރު 50 ޓަނު ބޭރު އެބަކުރޭ ޕްރޮސެސްކޮށްފައި އެބަ ބޭރުކުރޭ އަމިއްލަ ފެކްޓްރީތަކުން، އެހެންވީމާ އެމީހުންގެ ފެކްޓްރީތަކަށް ސަބްސިޑީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު މިލިޔަނުން މިލިޔަނުން ރުފިޔާ ފޮނުވައިދޭކަށެއް ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އަބަދުވެސް ފާހަގވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަން ކަމަށާއި، ފެލިވަރު ޖެހޭނީ ބަންދުކުރަންކަމާއި، މަހުން ފައިދާ ލިބެންއޮތީ، އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސް ކޮށްގެން ވިއްކުނީމައިކަން 30 އަހަރުގެ ހުރިހާ ދިރާސާއެއް ވަރަށް ސާފުކޮށް ދައްކާ ކަމަށެވެ.