ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް މ. ބާރަނާގެ/ މަރިޔަމް މުނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މުނާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، އޭނާއާއެކު އޭނާގެ އިތުރުން، އަހުމަދު ސަމީން އއ. ތޮއްޑޫ ފިނިވާގެ އާއި ފާތުމަތު މަހީރާ މުހައްމަދު ހިޔާވަހި ޅ. ހިންނަވަރު، މި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު އެކޮމިޝަންގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން އެ ނަންތައް ދިރާސާކޮށް މަޖިލީހަށް ފިނުވި ރިޕޯޓުގައި އެ ބޭފުޅުންގެ ތެރެއިން މުނާ އެ މަގާމަށް އައްޔަން ކުރަން ލަފާދީފައިވާތީއެވެ.

ރިޕޯޓިގައިވާގޮތަށް މުނާގެ ނަމަށް ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި، 70 މެންބަރުންގެ ތެރެއިން 67 މެންބަރުން މުނާއަށް ވޯޓު ދެއްވިއެވެ.

މިއީ މީގެ ކުރިން އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހު އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އެކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ޖުލައި 22 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން އޭނާގެ ބަދަލުގައި އެކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ފާހަގަ ކުރެއްވި ތިން ބޭފުޅުންނެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ ސ. ފޭދޫ އާއި މުއުމިނާ ވަހީދު، މ. ޖިއެނާ އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله، މއ. މާވެޔޮގެއެވެ.