ޚަބަރު

ތަހުގީގީ ނޫސްވެރިކަމަށް ހާއްސަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އަލީ ޔާމިން

ރާއްޖޭގެ ނޫސްވެރިންނަށް ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)އާ ބެހޭ މައުލޫމާތުދިނުމަށް ސްރީލަންކާގައި ހުންނަ ސެންޓާ ފޯ އިންވެސްޓިގޭޓިވް ރިޕޯޓިން (ސީއައިއޭ) އިން ފެށި ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޒޫމް މެދުވެރިކޮށް މިމަހުގެ 13 ވަނަ ދުވަހު ފެށި މި ވޯކްޝޮޕްގައި ކުރިއަށްގެންދިޔައީ 25 އަށްވުރެ ގިނަ ބައިވެރިންނާއެކުއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމެނެއެވެ.

ފަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ވުމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ)އާ ގުޅިގެންނެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ރާއްޖެއަށް ތަހުގީގީ ނޫސްވެރިކަމަކީ މުހިންމު ދާއިރާއެއް ކަމަށާއި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ތަހުގީގީ ނޫސްވެރިކަމުގެ އިތުރުން ނޫސްވެރިކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަކީލާ ވިދާޅުވީ، އީއައިއޭ ވޯކްޝޮޕް ފުރިހަމަ ކުރި ބައިވެރިންގެ ލިޔުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެން ދިއުމަކީ އުންމީދެއް ކަމަށެވެ.

ސީއައިއޭ ވޯކްޝޮޕްގައި ބައިވެރިންނަށް ޓްރައިނަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ، ނޭޕާލް އިންވެސްޓިގޭޓިވް މަލްޓި މީޑިއާ ޖާނަލިޒަމް ނެޓްވޯކް (އެންއައިއެމްޖޭއެން)ގެ ސީއީއޯ ރަޖްނީސް ބަންޑާރީ އާއި ސެންޓާ ފޯ އިންވެސްޓިގޭޓިވް ރިޕޯޓިން، ސްރީލަންކާގެ އެކްޒެކެޓިވް ޑިރެކްޓަރު ދިލްރުކްޝީ ހަންޑުނެއްޓިއެވެ.

ދިލްރުކްޝީއަކީ ނޫސްވެރިކަމުގައި 20 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަދި އޭނާ އަންނަނީ ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާތަކަށް ކޮންޓްރިބިއުޓް ކުރަމުންނެވެ. އޭގެ ތެރޭގައި އަލް ޖަޒީރާ، އައިއާރްއައިއެން، ރޮއިޓާސް ފަދަ ނޫސްތައް ހިމެނެއެވެ.