އެޗްއީއޯސީ

އެޗްއީއޯސީން ހާއްސަ ޕްރެސް ކޮންފަރެންސެއް، ސުވާލު ކުރުމާއި ޖަވާބު ދިނުމަށްވެސް ކުޑަކުދިން!

އަލީ ޔާމިން

ކޮވިޑްގެ ބިޔަ ރާޅު ރާއްޖެއަށް މުގުރާލިތާ އަށް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު އެންމެ ބޮޑު ފާލަމަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ނުވަތަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ގަވައިދުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ މީޑިއާތަކުން ބައިވެރިވާ އިރު، ކޮވިޑް 19އާ ބެހޭ ގިނަ މައުލޫމާތުތަކެއް އެ ބައްދަލުވުމުން ލިބިގެންދެއެވެ. އަދި ޖަވާބަށް ބޭނުންވެފައިވާ އެތައް ސުވާލެއްގެ ޖަވާބު ލިބި ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ލިބިގެންދެއެވެ.

ރާއްޖޭގައި ކޮވިޑް 19، ހާއްސަކޮށް މާލޭ ސަރަހައްދުގައި ފެތުރުނު ދުވަސްވަރު ދުވާލަކު ދެއިރު ނޫސްވެރިންނާއި ބައްދަލުކޮށް ކޮވިޑްގެ މައުލޫމާތު ސަރުކާރުން ހިއްސާކުރެއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވާން ފެށުމުން އޭރު އުފެއްދި އެންއީއޯސީ އުވާލައި، އެ ސެންޓަރުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެޗްއީއޯސީ ވުޖޫދު ކުރެވިގެންދިޔައެވެ. އެ ސެންޓަރުގެ ތަރުޖަމާނަކީ ޑރ. ނަޒްލާ ރަފީގެވެ.

އެޗްއީއޯސީ ވުޖޫދުކުރެވުނު ދުވަހުން ފެށިގެން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ޑރ. ނަޒްލާ އައީ ވަރުބަލިމަކެއް ނެތި މަސައްކަތް ކުރައްވަމުންނެވެ. މިއަދުވެސް ހުންނެވީ އެ މަސައްކަތުގައެވެ. އެޗްއީއޯސީ ވުޖޫދު ކުރެވުނު ފަހުން އެ ސެންޓަރުގެ ތަރުޖަމާނުކަން ޑރ. ނަޒްލާ ނޫން އެހެން ބޭފުޅަކު ކުރައްވައިފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ދުނިޔޭގައި ފާހަގަކުރި ބައިނަލްއަގުވާމީ ކުޑަކުދިންގެ މުނާސަބާގައި އެޗްއީއޯސީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގެ މަންޒަރުތަކާއި ކުލަތައް ތަފާތެވެ.

އެޗްއީއޯސީގެ ތަރުޖަމާނަކަށް އިނީވެސް ކުޑަކުއްޖެކެވެ. ސައިން ލެންޖުއޭޖް އިންޓަޕްރެޓާއެއްގެ ގޮތުގައިވެސް އަދި މެޑިކަލް ޓީމުގެ ފަރާތުންވެސް ބައިވެރިވީ ކުޑަދިންނެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ނޫސްވެރިންނަށްވެސް ތިބީ ހުސް ކުޑަކުދިންނެވެ.

ފަސް ވަރަކަށް މިނެޓަށް ދިގުދެމިގެން ދިޔަ އެ ޕްރެސް ކޮންފަރެސް ކުރިއަށް ގެންދިޔައީ އެޗްއީއޯސީން ޑރ. ނަޒްލާގެ މާލިމީކަމުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ އޮނިގަނޑަށެވެ. ތަފާތަކީ އެ ޕްރެސް ކޮންފަރެސް ލީޑުކުރީ ހުސް ކުޑަކުދިން ކަމެވެ. އެގޮތުން އެޗްއީއޯސީގެ ސްޕޯކްސްޕާސަން ނުވަތަ ތަރުޖަމާނެއްގެ ގޮތުގައި ބައިވެރިވީ އުމުރުން ނުވަ އަހަރުގެ ޔޫސުން ރައިހާން ތައުފީގެވެ. ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން ޕްރެސްގައި ބައިވެރިވީ އުމުރުން ނުވަ އަހަރުގެ ހައްވާ ޔަނާލް ސުއައިބު ހުސައިނެވެ. އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ބައިވެރިވީ 11 އަހަރުގެ އައިޝަތު ލައިހާ އިބްރާހީމެވެ. ސައިން ލެންގުއޭޖް އިންޓަޕްރިޓާއަކަށް ބައިވެރިވީ ޖަމާލުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ 17 އަަހަރުގެ ހުސައިން ނާސިހެވެ.

ޕްރެސް ކޮންފަރެންސް ފެށިގެން ދިޔައީ ކޮވިޑްގެ ދުވަހުގެ އަޕްޑޭޓުންނެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި ބަލިން ފަސޭހަވީ މީހުންގެ އަދަދާއި ކަރަންޓީން ފެސިލިޓީތަކާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ހިއްސާކުރިއެވެ. އެއަށް ފަހު، ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން ބައިވެރިވި ޔަނާލް އާއި އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ބައިވެރިވި ލައިހާއަށް ވަގުތުކޮޅެއް ދިނެވެ. އެއީ އެކުދިން ދައްކަން ހުރި ބައެއް ވާހަކަ ދެއްކުމަށެވެ.

ލައިހާއާއި ޔަނާލްގެ ވާހަކައަށް ފަހު ރައިހާން ހުޅުވައިލީ ސުވާލުތަކަށެވެ. ޖުމްލަ ހަތަރު ނޫހަކުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވިއެވެ. ފުރަތަމަ ފުރުސަތު ލިބުނީ މާސް އޮންލައިންގެ ފަރާތުން ބައިވެރިވި ނުވަ އަހަރުގެ ޔޫސުން ޒާން އަޒްމީނަށެވެ. ކޮންޓެކްޓް ބަބުލްއަކީ ކޮބައިކަން ސާފުކުރުމަށް ޒާން ކުރި ސުވާލަށް ލައިހާ ދިނީ ފުރިހަމަ ޖަވާބެކެވެ. ލައިހާގެ ޖަވާބުގައި ކޮންޓެކްޓް ބަބުލްއަކީ ކޮބައިކަން ތަފްސީލީ ގޮތެއްގައި ކިޔާދީފައިވެއެވެ.

ޒާންގެ އިތުރުން ދެންވެސް ޕްރެސްގައި ބައިވެރިވި ނޫސްވެރިންގެ ސުވާލުތަކަށް އެޗްއީއޯސީން ދިނީ ފުރިހަމަ ސާފު ޖަވާބުތަކެވެ. އެގޮތުން މާސްކް އަޅަން ޖެހޭ ގޮތް ސާފުކުރުމަށް ސުވާލުކުރުން، މާސްކް އަޅާނެ ގޮތް ތަފްސީލީ ގޮތެއްގައި ވަނީ ކިޔައިދީފައެވެ.

ޕްރެސް ކޮންފަރެންސް ނިންމާލުމުން ތަރުޖަމާނު ރައިހާން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް އަލިއަޅުއްވާލައިފައެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އިޖުތިމާއީ ގައިދުރުކަން އިހުތިޔާރުކުރުން ފަދަ ކަންކަމަށް އަލިއަޅުވައިލިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.