ފަނަރަ އަހަރަށްފަހު ކުދުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް އިންކިއުބޭޓަރެއް ލިބިއްޖެއެވެ.
ކޭއާރުއެޗުން މައުލޫމާތުދޭ ގޮތުގައި، ދުވަސް ނުފުރާ ވިހާ ކުދިން ރައްކާތެރި ފިނިހޫނުމިނެއްގައި ބޭއްވުމަށް ކުރިން ބޭނުން ކުރި އިންކިއުބޭޓަރު ހަލާކުވެފައިވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ އިންކިއުބޭޓަރަކީ މީގެ 15 އަހަރު ކުރިން ލިބުނު އިންކިއުބޭޓަރެކެވެ.
ކޭއާރުއެޗުން ބުނީ ގާތްގަނޑަކަށް 15 އަހަރަށް ފަހު އެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާ ކަމަށާއި އެއާއެކު ދުވަސް ނުފުރާ ވިހަން މާލެ ދާން ޖެހޭ ޖެހުން މަދުވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މިއަހަރުގެ ތެރޭގައި ނިއޮނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)އަށް ތިން ބޭބީ ވާމާސް އާއި ދެ ނިއޮނޭޓަލް ވެންޓިލޭޓަރު ލިބިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ފަރުވާ ހޯދުމަށް ދާ ކޭއާރުއެޗް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލު ބޮޑުކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ. އެ މަޝްރޫއު މިމަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.
މިއަހަރު މެއި މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް ހެދުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭއަކުން ގުޅުވައިލުމުގެ އިތުރުން ލެބޯޓަރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ބުނީ، 30.3 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.