ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީގެ މުވައްޒަފުން ރެޔާއި ދުވާލު ހޭލައި ތިބެގެން މުގުރައިލި ރެކޯޑަކީ އެ ކުންފުނީގެ ލީޑަޝިޕްގެ ވަރުގަދަ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ ތަރައްގީއާ ގުޅިފައިވާ އެއާޕޯޓެއް ކަމަށެވެ. އަދި އެއާޕޯޓުގެ މަޝްރޫއު ކާމިޔާބުވުމުގެ އެއް ސަބަބަކީ އެމްޓީސީސީން އަދާކުރި ދައުރު ކަމަށެވެ.
"މި އެއާޕޯޓު ކާމިޔާބު މަޝްރޫއަކަށް ހެދުމަށް އެމްޓީސީސީގެ މުވައްޒަފުން އަދާކުރި ދައުރަކީ ނަމޫނާ ދައުރެއް. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކޮންޓްރެކްޓަރެއްގެ ގޮތުގައެއް ނޫން، ރައީސްގެ ވައުދު ކާމިޔާބުކުރުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތް ކުރި ވަރަށް ވަރުގަދަ ލީޑަރެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން ދިޔައީ. އަދި ހަމައެހެންމެ ހިތްވަރުން ހިތްވަރު ލިބި އާޒިމްގެ ޓީމުން މަސައްކަތްކުރި ގޮތްވެސް އަޅުގަނޑު ދުށީމު،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އެމްޓީސީސީން ދައްކައިދިން ނަމޫނާއަކީ އުންމީދުން ފުރިގެންވާ ނަމޫނާއެއް ކަމަށެވެ. އަދި އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެމްޓީސީސީން މުގުރައިލި ރެކޯޑަކީ އުންމީދު އާވެގެން ދިޔަ ރެކޯޑެއް ކަމަށާއި އެކަމަށްޓަކައި އެމްޓީސީސީއާ މެދު ފަހުރުވެރިވާ ކަމަށެވެ.
ހޯރަފުށީ އެއާޕޯޓަކީ ފަޅެއް ހިއްކައިގެން ރާއްޖޭގައި އެންމެ އަވަހަށް ނިންމި އެއާޕޯޓެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ.
އެއާޕޯޓު ހެދުމަށް ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ހޯރަފުށީ އެއާޕޯޓަށް މިމަހުގެ 16 ވަނަ ދުވަހު ޓެސްޓް ފްލައިޓެއް ޖައްސާފައިވާއިރު ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖައްސާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު