ހއ. ހޯރަފުށި އެއާޕޯޓަކީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހޯރަފުށި އެއާޕޯޓް ހުޅުވިގެންދިއުމަކީ ލާމަރުކަޒު ކުރުމުގައި އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށެވެ.

"މިއަދު މި ހުޅުވުނީ ހޯރަފުށީ އެއާޕޯޓް ކަމަށް ވިޔަސް ހަގީގަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އަޅުގަނޑުމެން އެޅި ވަރަށް މުހިންމު ފިޔަވަޅެއް. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ފެށުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށި އެއާޕޯޓަކީ އެ އަތޮޅުގެ ރައްޔިތުން އުންމީދުކުރާ ތަރައްގީ ގެނެސްދޭނެ އެއް ވަސީލަތް ކަމަށެވެ. އަދި މި އެއާޕޯޓާއެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި އެއާޕޯޓް އިތުރަށް ތަރައްގީވެ ފުރިހަމަވެގެންދާ އިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް މި އެއާޕޯޓް ބޭނުން ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓަކީ މި ސަރަހައްދުގެ ފަތުރުވެރިކަަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށާއި މިއީ ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރުގެ ބަޖެޓުގައި ހއ، އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރި ކަމަށާއި އެކަންކަން ކުރެވޭނީ މިހާރު ހުށަހަޅާފައިވާ ބަޖެޓް ފާސްކުރެވިގެން ކަމަށް ވިދާޅުވެފައެވެ.