ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ކުދިންގެ ހިޔާލާއި ބައިވެރިވުން ބޭނުންވާ ކަމަށާއި އެ ކަންކަމާމެދު ވާހަކަ ދައްކައި، ވަކާލާތުކުރުމުގެ ފުރުސަތު އެ ކުދިންނަށް ލިއްބައިދިނުމަކީ މުޅި މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވެފައިވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން އޮންލައިންކޮށް ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުދިންގެ ބައިވެރިވުން ހޯދުމާ ގުޅޭ ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒްނާ ވަނީ ރަސްމިއްޔާތުގައި ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނާއި، ދިން މައުލޫމާތުގެ ފުރިހަމަކަށް ފާހަގަކުރައްވައި، އެ ކުދިންނަށް ތައުރީފުކުރައްވައިފައެވެ.

ޕްރެޒެންޓޭޝަނުގައި ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށާއި ސަޕޯޓް ގްރޫޕް ފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މާދަމާ އަމަލުކުރަން ފަށާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މައްޗަށް ވެސް މެޑަމް ފަޒްނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިއަދު ބޭއްވި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މެޑަމް ފަޒްނާ ވަނީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވައިލައްވައި، އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަދައްކައި އަޑު އުފުލުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވައިފައެވެ. އަދި ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވެސް އެ ކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަކޮށްދެއްވައި، އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިހުތިރާމު ކުރުމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ކުޑަކުދިންނަށް ގޮވައިލެއްވިއެވެ.

މިއަދު ބޭއްވި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން އެ ކުދިންގެ ހިޔާލު ހޯދައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެ ކުދިންގެ ބައިވެރިވުމާއި ހިޔާލު ހޯދައި، އެ ކަންކަމާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.