ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ކަމަށާއި ވެރިކަމުން ފައިބާވަޑައިގެންނެވީ އެރަށްތައް ވިއްކާފައި ލިބުނު ފައިސާކޮޅުވެސް ހިފައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދިވާ ކަމަށާއި ދައުލަތަށް ލިބެންވާ އާމުދާނީވެސް ނުލިބޭ ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށް ރިސޯޓް ހަދަން އެއްވެސް ފަޅުރަށެއް ދޫކޮށްފައިނުވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ވަރަށްވެސް ސާފު ކަމަށާއި މިއަދު ވެރިކަމަށް ވަޑައިގެން މި ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިއީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ މި ދަނޑިވަޅުގައި މަޖިލިސް މެންބަރުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ދައުލަތުގެ ދަރަނި މިހާ ބޮޑުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ހަތަރު ބިލިއަން ރުފިޔާ އަކީ ކުރީގެ ދަރަނިތައް ދެއްކުމަށް ޖަހާފައިވާ އަދަދެއް ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބެޖެޓް ފާސް ކުރަންޖެހޭ ކަމަށާއި ހއ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގޭނީ މިހާރު ހުށަހަޅާފައިވާ ބަޖެޓް ފާސްކޮށްގެން ކަމަށެވެ.