އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އަދި ހުވަދުއަތޮޅާ ދެމެދު ދެ ހަފުތާތެރޭގައި ދަތުރުތައް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޮޗިން އާއި ކުޅުދުއްފުއްޓަށް މިހާރު ފެރީ ދަތުރުތައް ފެށި މުދާ ގެންނަން ފެށިފައިވާ ކަމަށެވެ. އަދި ދެ ހަފުތާތެރޭގައި އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އަދި ހުވަދުއަތޮޅާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

"ކުޅުދުއްފުއްޓަށް ސީދާ ކޮޗިންނުން ޑައިރެކްޓްކޮށް މުދާ އެބަ ގެނެވޭ. ހަމަ އެގޮތަށް އައްޑުއަށާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރިނުން ބޯޓު ފަހަރު އާދެވޭ ގޮތަށް އެސްޓީއޯގެ ޝިޕިން ކުންފުނިން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގަ އެމަސައްކަތް ފަށައިގަންނާނެ،" ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވައެވެ.

ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ކުޅުދުއްފުއްޓަށް އައި ފުރަތަމަ މުދާ ފެރީ އެރަށަށް ބަނދަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮޗިން އިން ރާއްޖެ އައިސްފައި ވަނީ، އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ. ކުޅުދުއްފުށި ސިޓީއަށް މުދާ ބޭލުމަށް ފަހު ކާގޯ ފެރީ ވަނީ ފަހުން މާލެއަށްވެސް މުދާ ބާލައިފައެވެ.

މި ފެރީން ކުރި ފުރަތަމަ ދަތުރުގައި ރާއްޖެއަށް ގެނައީ، 500 ޓަނުގެ ސިމެންތި އާއި 20 ފޫޓުގެ ދެ ކޮންޓެއިނަރެވެ. ކޮޗިން ފެރީއަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.