ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއާޕޯޓު ހުޅުވުމުގެ ކުރިން މި މަހުގެ 16 ވަނަ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވެސް ވަނީ ޖައްސައިފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން މިއަދަށް ފަސްކުރީއެވެ. އެއާޕޯޓު ހުޅުވުމަށް މިހާރު ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އެއާޕޯޓު ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައި ވާއިރު، ހަފްތާއަކު ތިން ދަތުރު އެ ރަށަށް ކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯރަފުށީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

އެއާޕޯޓު ހެދުމަޑް ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ހޯރަފުށީ އެއާޕޯޓަކީ ފަޅެއް ހިއްކައިގެން ރާއްޖޭގައި އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ހެދި އެއާޕޯޓެވެ.