ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: މިސްކިތްތައް ބަދަލުކޮށްލީ އޫރުކޮށިތަކަށެވެ.

އިމާދު ލަތީފު

1

ނަގޯނޯ ކަރަބާޚުގެ މައްސަލައިގައި އަޒަބައިޖާނާއި އާމީނިޔާގެ މެދުގައި ހިނގަމުންދާ ހަނގުރާމައަކީ ވަރަށް ބޮޑަށް ދީނީކުލަ ޖެހިފައިވާ ހަނގުރާމައެކެވެ. އަޒަބައިޖާނަކީ އިސްލާމީ ގައުމެކެވެ. އާމީނިޔާއަކީ ކްރިސްޓިއަން ގައުމެކެވެ. ހަގުރާމައިގައި ކުރި ލިބެނީ އެކި ފަހަރު އެކި ގައުމުތަކަށެވެ. ރޫސީންގެ އެހީތެރިކަމާއެކު 1993 ގައި އާމީނިޔާ ވަނީ އަޒަބައިޖާނުގެ މައްޗަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެފަހަރު ނަގޯނޯ ކަރަބާޚުވެސް ހިމަނައިގެން އަޒަބައިޖާނުގެ މުޅި ބިމުގެ ވިހި އިންސައްތަ އާމީނިޔާއިން ހިފިއެވެ.

އެސަރަހައްދުތައް އާމީނިޔާގެ ދަށުގައި ވަނިކޮށް މިދިޔަ އޮކްޓޫބަރު މަހު އަނެއްކާވެސް ހަނގުރާމަފެށި އެންމެ ހަ ހަފުތާތެރޭގައި ނަގޯނޯ ކަރަބާޚުގެ ދެބައިކުޅަ އެއްބައި އަޒަބައިޖާނުން ހިފައިފިއެވެ. ކުރިޔަށްމިދާ ނޮވެމްބަރު މަހުގެ ކުރީކޮޅު ރޫސީން ހޯހޯއޭ ގޮވައި ގަދަކަމުން ހަނގުރާމަ ހުއްޓުވިއިރު މާރީއްޗަށްވެސް ކުރިލިބިފައިއޮތީ އަޒަބައިޖާނަށެވެ. މިކާމިޔާބީގެ ފަހަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ތުރުކީވިލާތެވެ. އަޒަބައިޖާނުގެ ކުރިއެރުންތަކާއެކު އާމީނިޔާއިން އަމާންދީފައި ސުލްހަނާމާގައި ސޮއިކުރިއިރު މީގެ ތިރީސްއަހަރު ކުރިން ހިފި ގިނަ ބިންތަކުން ފައިބައި އެތަންތަން އަޒަބައިޖާނާ ހަވާލުކުރަންވެސް ވަނީ އެއްބަސްވެފައެވެ.

އާމީނިޔާއިން ދޫނުކޮށް ހިފަހައްޓަން މިހާރު ބޭނުންވަނީ ނަގޯނޯ ކަރަބާޚުގެ ކުޑަތަންކޮޅެކެވެ. އެތަންކޮޅުގައި ރޫސީ ސިފައިން ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސުލްހަ ޔަގީންކޮށްދޭ ލަޝްކަރެއްގެ ނަމުގައެވެ. އާމީނިޔާއިން އަޒަބައިޖާނާ ހަވާލުކުރާ ސަރަހައްދުތަކުގައިވާ ނަސާރާ ފައްޅިތައް ހަލާކުނުކުރާން އަދި އާމީނިޔަނުންގެ އަވަށްތަކާއި ގެދޮރު މުގުރައި ގަދަކަމުން އާމީނިޔަނުން ފައްސައިނުލާންވެސް ރޫސީވިލާތުން ވަނީ އަޒަބައިޖާނަށް ހަރުއަޑުން އިންޒާރުދީފައެވެ. މި އިންޒާރުގެ ސަބަބުން މިމައްސަލައިގައި ދީނީކުލަ ޖެހިފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.

މިކަހަލަ އިންޒާރެއް އަޒަބައިޖާނަށް މިދިނީ މީގެ ކުރިން އާމީނިޔަނުން ކަންތައްކުރި އުސޫލުން ބަދަލުހިފުމުގެ ޖޯޝުގައި އަޒަބައިޖާނުންވެސް ކަންތައްތަކެއް ކުރާނެ ކަމަށް ހީކުރެވޭތީއެވެ. އާމީނިޔާއިން އެފަހަރު ހިފި ސަރަހައްދުތަކުން އަޒޭރީން މަރައި ފައްސައިލިއެވެ. އަވަށްތައް ފަޅުކޮށްލިއެވެ. މިސްކިތްތައް މުގުރައި ސުންނާފަތިކުރިއެވެ. އެފަހަރު އާމީނިޔާގެ ކްރިސްޓިއަނުން ހިންގި އަނިޔާވެރި އަމަލުތައް އެންމެ ރީއްޗަށް ފެންނާންހުރީ އަގްދާމުންނެވެ. މިއީ ހަގުރާމައިގެ ކުރިން އަޒޭރީން ދިރިއުޅުނު ވަރަށްބޮޑު ސިޓީއެކެވެ.

އަގްދާމުން އަޒޭރީންނާއި އިސްލާމްދީނުގެ އަސަރު ނައްތައިލުމަށް އާމީނިޔާގެ ކްރިސްޓިއަނުން ކުރި މަސައްކަތުގެ ތެރޭގައި އެސަހަރުގެ އެންމެ ދުވަސްވީ އެންމެ ބޮޑެތި މިސްކިތްތައް އޫރާއި ގެރިފަދަ ޖަނަވާރު ގެންގުޅޭ ކޮށިތަކަށް ބަދަލުކުރުން ހިމެނެއެވެ. އޫރަކީ އިސްލާމުން ނަޖިހެއްގެ ގޮތުގައި ދެކޭ ޖަނަވާރެކެވެ. އެހެންވީމާ އިސްލާމުންނަށް ފުރައްސާރަ ކުރުމަށްޓަކައި ގިނަ މިސްކިތްތައް ބަދަލުކުރީ އޫރު ކޮށިތަކަށެވެ. މިއަދުގެ އަގްދާމު ހިމެނެނީ ނަސްލީ ހަސަދަވެރިކަމުގެ ނުރައްކާ އެންމެ ބޮޑަށް ފާޅުވާންހުރި އާސާރުތަކުގެ ތެރޭގައެވެ. ދެކުނު އިރުމަތީ ޔޫރަޕުގެ ހިރޮޝީމާގެ ނަމުންވެސް މިރަށް މަޝްހޫރުވެފައިވެއެވެ.

އަޒަބައިޖާނުގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުލަބް ކަމަށްވާ އަގްދާމް ކަރަބާޚް ނިސްބަތްވަނީ މިސަހަރަށެވެ. މިއީ ދޭތެރެ ދޭތެރެއިން ޔޫރޮޕާ ލީގުގައިވެސް ވާދަކުރާ ޓީމެކެވެ. އެޓީމު އަގްދާމަށް ނިސްބަތްވިޔަސް ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި އެޓީމު އޮތީ ވަޒަނުން ބޭރުވެފައިވާ ރެފިއުޖީއެއްފަދައިންނެވެ. މީހުން ދިރިނޫޅޭ ފަޅު ސަހަރަކަށް ނިސްބަތްވާ ޓީމެއްގެ ދަރަޖައިގައެވެ. އަޒަބައިޖާނަށް މިސަހަރު އަލުން ލިބުމާއެކު ކުރީގެ އާއިލާތައް އަލުން އަންނާނެއެވެ. އިތުރު މީހުންވެސް އަންނާނެއެވެ. ސަރުކާރުގެ އެހީގައި ގެދޮރު އާރާސްތުކޮށް މުޅި ސަހަރު އަލުން އާބާދުކުރާނެއެވެ. އަގްދާމް ކުލަބުވެސް އޭގެ ހަގީގީ ވަޒަނަށް ރުޖޫއަވާނެއެވެ.

އާމީނިޔަނުން ހިފައިގެން އުޅުނު ސަރަހައްދުތައް ދޫކޮށްފައި އެނބުރި އާމީނިޔާއަށް ދަތުރުކުރާ މީހުން ހުޅަގުގެ ޓީވީތަކުން ވަރަށް ގިނައިން ދައްކައެވެ. އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މުސްކުޅިންނެވެ. އެމީހުން ރޮއިރޮއިފައި ހާލުގެ ވާހަކަ ކިޔައިދެއެވެ. ގެދޮރުން ނެރެލީޔޭވެސް ބުނެއެވެ. މިއީ މީގެ ތިރީސްއަހަރު ކުރިން އާމީނިޔަނުން ހިންގި ޖަރީމާތައް ފޮރުވައި އަޒަބައިޖާނަށް ޕްރެޝަރު ކުރިމަތިކުރުމުގެ ގޮތުން ކުރާކަމެކެވެ. އަޒަބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ހުންނެވީ އާމީނިޔަނުންނާއި ހުޅަގުގެ މިފަދަ ރޭވުންތައް ކާމިޔާބުވާން ފުރުސަތު ދެއްވާ ގޮތަކަށްނޫނެވެ.

އަޒޭރީންނަށް ރައީސް އަލިޔެވް އިލްތިމާސް ކުރައްވަނީ އާމީނިޔަނުން ހިންގި ކަހަލަ އަމަލުތަކާ ދުރުވުމަށެވެ. އާމީނިޔަނުންގެ ގެދޮރާއި އަޅުކަންކުރާ އެންމެހައި ތަންތަނަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އަނިޔާވެރި ނުވުމަށެވެ. ނަސްލާއި ދީނަށް ނުބަލައި ސުލްހަ ގާއިމުކުރުމަށެވެ. ސިފައިންނަށްވެސް އޭނާ އަމުރުކުރައްވާފައިވަނީ ކޮންމެ ދީނަކަށްވިޔަސް އާއްމުންގެ ފުރާނަޔާއި މުދަލަށް ރައްކާތެރިވުމަށެވެ. ރައީސް އިލްހާމް އަލިޔެވް މިކަމަށް އިލްތިމާސް ކުރެއްވިއަސް އާމީނިޔަނުން ރަށުން ފައިބައިގެންދަނީ ޑްރާމާކުޅެފައި ގެދޮރުގައި ހުޅުޖަހައި ރޯކޮށް އަންދައިފައެވެ. އެމަންޒަރު ދުނިޔެއަށް ފެނުނުކަން ކަށަވަރުވެސްކޮށްފައެވެ.

ނަގޯނޯ ކަރަބާޚުގެ މައްސަލައިގައި އިލްހާމް އަލިޔެވް އަންގަވާ އެންގެވުންތަކަށް އަޒޭރީން ކިޔަމަންވާނެއެވެ. އަޒަބައިޖާނަށް މިލިބުނު ކާމިޔާބުގެ އަސްލަކީ އަލިޔެވްކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. އިލްހާމް އަލިޔެވްއަކީ އަޒަބައިޖާނުގެ ކުރީގެ ރައީސް ހައިދަރު އަލިޔެވްގެ ދަރިކަލުންނެވެ. ހައިދަރު ވެރިކަމަށް ވަޑައިގެންނެވީ އާމީނިޔަނުން އަތުން އަޒޭރީން ބަލިވުމާ ގުޅިގެން ހިނގި ކަންތަކުގެ ތެރެއިންނެވެ. ހައިދަރު އަވަހާރަވީ 2003 ގައެވެ. އޭގެފަހުން ވެރިކަންކުރައްވަނީ ދަރިކަލުން އިލްހާމްއެވެ. އިލްހާމުގެ އަނބިކަބަލުން މެހެރްބާން އަކީ ގައުމުގެ އެއްވަނަ ނާއިބުރައީސާއެވެ. އެހެންވީމާ މިއީ ހަގީގަތުގައިވެސް އާއިލީ ވެރިކަމެކެވެ.